އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ ބަންދަށް އިތުރު 10 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާ ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެކުރިން މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު މޭރީގެ ފިރިމީހާ މާވިން ވަނީ ހައްޔަރުކޮށްފައެވެ. ލަމްހާގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
މި މަހުގެ 10 ވަނަ ދުވަހު މާވިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު މާވިން އާއި ލަމްހާގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މާވިންގެ މައްޗަށް އުފުލާފައިވަނީ، އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލާފައިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 19 ގައި 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލަށާއި ކަރަށް ހަމަލަދީ ނޭވާ ހާސްކޮށްގެން މަރާލާފައިވާތީވެއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ މާވިން އަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރި ފިލިޕީންސްގެ މޭރީ ގްރޭސް ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި ރިޕޯޓުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. ނަމަވެސް ޕޯސްޓްމޯޓަމުން ދައްކާ ގޮތުގައި އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.