ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ކުރަމުން އަންނަ އަފްގާނިސްތާނުގެ އެތައް މިލިއަން ބަޔަކު މިހާރު ތިބީ "މަރުގެ ތުންފަތް މަތީ" ގައި ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އިންޒާރު ކުރައްވައިފިއެވެ.

ގުޓެރޭޒް މިކަމަށް އިންޒާރު ކުރައްވާފައި ވަނީ، އަފްގާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 5 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމު ކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވަމުންނެވެ. މީގެ އިތުރުން އެކި ފަރާތްތަކުން ހިފަހައްޓާފައި އަފްގާނިސްތާނުގެ އެސެޓްތައް ދޫ ކުރުމަށާ، އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން އިނދަޖެހުމަކަށް ދިއުމުގެ ކުރިން، އަފްގާނިސްތާނުގެ އަފްގާނިސްތާނުގެ ބޭންކިންގް ނިޒާމު އަލުން ހިންގޭނެ ގޮތް ހަދައި ދިނުމަށް އދ އިން ވަނީ ގޮވާލާފައެވެ.

20 އަހަރުގެ ހަނގުރާމައަކަށްފަހު އެމެރިކާއާއި ނޭޓޯގެ ފައުޖުތަކުން އަފްގާނިސްތާނުން ފޭބުމާއެކު، އޯގަސްޓް 2021ގެ މެދަކާ ހިސާބުން ފެށިގެން އަފްގާނިސްތާނުގެ ކޮންޓްރޯލް އޮތީ، ތޯލިބާނުންގެ މުށު ތެރޭގައި ކަމަށް ވާއިރު، އޭރުވެސް އެ ގައުމުގެ އިގުތިސޯދު ދިޔައީ އިނދަޖެހެމުންނެވެ.

އަފްގާނިސްތާނުގެ 8.7 މިލިއަން މީހުން މިހާރުވެސް ތިބީ ބަނޑަށް ޖެހުމުގެ ތުންފަތް މަތީގައި ކަމަށް އދއިން ބުނެއެވެ. އަދި އިންތިހާ ފަގީރު ކަމާ، ބަނޑުހައިހޫނުކަމުން އަފްގާނިސްތާނުގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކާ، ވީހާވެސް އަވަހަށް، އަފްގާނިސްތާނަށް އިގުތިސޯދީ އެހީ ފޯރުކޮށްދިނުން މުހިންމު ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ މާލީ ނިޒާމަށް ބަލާއިރު ބޮޑު އިންސައްތައެއް ކޮންޓްރޯލް ކުރަމުން ދަނީ ޑޮލަރުން ކަމަށް ވާއިރު، މިކަމުގައި އެމެރިކާއިން އަދާ ކުރަން އޮތް ދައުރު ބޮޑު ކަން، އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން އެމެރިކާއިން ވަނީ، އަފްގާނިސްތާނުގެ ފޮރިން ރިޒާވުން 7 ބިލިއަނެއްހާ ޑޮލަރު ފްރީޒް ކޮށްފައެވެ.

އިންސާނީ އެހީއާ ބެހޭ އދގެ އިސް އޮފިޝަލު މާޓިން ގްރިފިތްސްއާއި ރެޑް ކްރޮސްގެ ރައީސް ޕީޓާ މޯރާ، ހުކުރު ދުވަހުގެ ވަގުތެއްގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންއާ ބައްދަލު ކުރައްވާނެ ކަމަށް ހަބަރު ލިބެއެވެ.