ކްރިޕްޓޯ ކަރަންސީގެ ވިޔަފާރި ކުރަމުންދާ ކުންފުނި 'ބިނަންސް' ގެ ސީއީއޯ ޝަންޕެންގް ޒާއޯ (ސީޒެޑް)ގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 96 ބިލިއަން ޑޮލަރު އެބަހުރި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބައިނަލްއަގްވާމީ މިފަދަ ދިރާސާތައް ކުރަމުުންދާ ބްލޫމްބާގް އިން ބުނެފައި ވަނީ ޝަންޕެންގް ގެ މިލްކިއްޔާތުގައި މި އަދަދު ހުންނާނެ ކަމަށް ބެލެވޭ ކަމަށާ މިއަށް ވުރެ އަދަދު މަތިވުން ވެސް އެކަށިގެންވާ ކަމަށެވެ.

ބްލޫމްބާގް އިން ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަނދި ބިލިއަނަރުންގެ ނަންތައް އިއުލާނު ކޮށްފައި ވާއިރު ޝަންޕެންގްގެ ނަން ވެސް މި ލިސްޓުގައި ހިމެނެއެވެ. އޭނާގެ ނަން އައިސްފައި ވަނީ ލިސްޓުގެ ހަތަރުވަނައަށެވެ. 'ބިނަންސް' ކުންފުންނިން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖް ކުރުމުގެ ވިޔަފާރި ކުރުމެވެ.

މިކަމާ ގުޅިގެން ޝަންޕެންގް ބުނީ މުއްސަނދިންގެ ތެރޭގައި ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުން އެހާ މުހިއްމު ނޫންކަމަށެވެ. އަދި އެއީ ކޮންމެހެން ކުރަން ބޭނުން ކަމެއް ނޫން ކަމަށް ބުނެ ޝަންޕެންގް ބުނީ އެއަށް ވުރެ ބޮޑަށް އިސްކަން ދެނީ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ މީހުންގެ ލިސްޓެއް މުއްސަނދިންގެ ލިސްޓެއް ހެދުމަށް ވުރެ މުހިއްމު ކަމަށް ދެކޭކަމަށް ވެސް އޭނާ ބުނެއެވެ.

ކްރިޕްޓޯއަށް އިންވެސްޓްކޮށް، މި ދާއިރާގެ ވިޔަފާރިއަށް ވަނުމާއެކު ޝަންޕެންގް ގެ މުއްސަނދިކަން ދުވަހެއް ދުވަކަހަށް ދަނީ އިތުރުވަމުންނެވެ. އޭނާ އިތުރުން ވެސް ކްރިޕްޓޯއަށް އިންވެސްޓްކުރާ އެތައް ބަޔަކު މުއްސަނދިވެ، ބޮޑެތި މަހުޖަނުންނަށް މަވުން ދާކަމަށް ބައިނަލްއަގްވާމީ ދިރާސާތަކުން ވަނީ ދައްކާފައެވެ. އަދި އެކި ވައްތަރުގެ ޑިޖިޓަލް ފައިސާ ތައާރަފު ކުރާ މީހުންގެ މާލީ ތަނަވަސްކަން ވެސް އިތުރު ވަމުން ދާ ކަމަށް ބްލޫމްބާގް އިން ބުނެއެވެ.