79 ވަނަ ގޯލްޑަން ގްލޯބްސްގެ އެންމެ މޮޅު ފިލްމަކަށް "ދަ ޕަވާ އޮފް ދަ ޑޯގް" ހޮވިއްޖެއެވެ.

މި ފިލްމަށް މި އެވޯޑު ލިބިފައިވަނީ މޯޝަން ޕިކްޗާ، ޑްރާމާ ކެޓަގަރީންނެވެ. މި ފިލްމުގެ އިތުރުން މި އެވޯޑު ޝޯގައި އެތައް އެވޯޑެއް އެތައް ބަޔަކަށް ލިބިފައި ވާއިރު މިއުޒިކަލް/ކޮމެޑީން ބެސްޓް އެކްޓަރުގެ މަގާމު ލިބިފައިވަނީ ސްޕައިޑަމޭންގެ ގޮތުގައި މަޝްހޫރުވެގެން ގޮސްފައިވާ އެންޑްރޫ ގާފީލްޑްއަށެވެ. އޭނާއަށް މި އެވޯޑު ލިބިފައި ވަނީ ފިލްމު "ޓިކް ޓިކް ބޫމް" އިންނެވެ.

އިތުރު އެވޯޑުތަކަށް ބަލާއިރު ޑައިރެކްޓަރު ސްޓީވަން ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ"އަށް ވެސް އެވޯޑުތަކެއް ލިބިފައިވެއެވެ. އެގޮތުން އެ ފިލްމަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި ރޭޗަލް ޒެގްލާ އަށް ލިބުނު މިއުޒިކަލް/ކޮމެޑީގެ މޮޅު ބަތަލާގެ އެވޯޑް، އެރިއާނާ ޑި ބޯޒް އަށް ލިބުނު މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑްގެ އިތުރުން މިއުޒިކަލް/ކޮމެޑީ ކެޓަގަރީން ވެސް އެވޯޑު ލިބިފައިވެއެވެ.

މީގެ އިތުރުން މަޝްހޫރު އެތައް ފަންނާނުނެއް ހިމެނޭ ފިލްމު "ޑޫން" އަށް ވެސް އެވޯޑު ލިބިފައި ވެއެވެ. މި ފިލްމަށް ރާއްޖޭން ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު މި ފިލްމަށް ލިބިފައި ވަނީ ބެސްޓް އޮރިޖިނަލް ސްކޯ، މޯޝަން ޕިކްޗާގެ އެވޯޑެވެ.

ޓީވީ ޗެނަލްތަކަށް ބަލާއިރު އެޗްބީއޯގެ ދެ ޝޯއަކަށް އެވޯޑު ލިބިފައިވެއެވެ. އެއީ ބެސްޓް ޓީވީ ސީރީޒް، މިއުޒިކަލް/ކޮމެޑީ ކެޓަގަރީއިން އެ ޗެނަލްގެ ހެކްސް އަދި ބެސްޓް ޓީވީ ސީރީޒް، ޑްރާމާ ކެޓަގަރީން ސަކްސެޝަން އަށެވެ.

މި އެވޯޑް ޝޯގައި ބެސްޓް ސްކްރީންޕްލޭ، މޯޝަން ޕިކްޗާ އެވޯޑު ލިބިފައިވަނީ "ބެލްފާސްޓް" އަށެވެ.