މާލޭގެ އިތުރުން މާފުއްޓާއި ދ. ކުޑަހުވަދޫން ކޮވިޑް-19، އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.ޝާހް މާހިރު ވިދާޅުވީ މިހާރު ކޮވިޑް-19 އިތުރުވަމުން އަންނަނީ އޮމިކްރޯންގެ ސަބަބުން ކަމަށެވެ. އަދި މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސަކު އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ.

ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، މާލޭގައި މުޖުތަމައުގެ ތެރޭގައި މިހާރު އޮމިކްރޯން ވޭރިއަންޓް އުޅޭ ކަމަށެވެ.

ރޭ އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 454 މީހުންނަށް ކޮވިޑު ޖެހިގެން ރިޕޯޓު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި މާލޭން 192 މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، ރަށްރަށުން 165 މީހުން އަދި ރިސޯޓުތަކުން 74 މީހުންނަށް ކޮވިޑު ޖެހިގެން ރިޕޯޓު ކޮށްފައި ވެއެވެ.

އެއާއެކު، ރާއްޖޭން މިހާތަނަށް 98،506 މީހުންނަށް ވަނީ ކޮވިޑު ޖެހިފައެވެ. އޭގެ ތެރެއިން 94،404 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، އަދިވެސް ބަލިން ރަނގަޅުނުވެ 3،825 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުން ފަރުވާ ހޯދަމުންދާ 21 މީހުންވެސް ހިމެނެއެވެ.

މިއީ ޖޫން މަހުގެ ފަހުން، ގިނަ މީހުންނަށް ކޮވިޑު ޖެހިގެން ރިޕޯޓުކުރި ދުވަހެވެ.