ޅ. ކުރެންދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.
މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ޅ. އަތޮޅުގެ ނައިފަރުގައި ބްރާންޗާއި ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ބީއެމްއެލް އިން އަންނަނީ ހިދުމަތް ދެމުންނެވެ. މީގެ އިތުރުން ހިންނަވަރުގައިވެސް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، ބޭންކިން ހިދުމަތް ތައާރަފްކޮށް ކުރެންދޫގެ ރައްޔިތުންނަށް ބޭންކިން ހިދުމަތް ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިންހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 77 ސެލްފްސާވިސް ބޭންކިން ސެންޓަރު، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ލިބެއެވެ.