ޒަމާނީ ފެންވަރަކަށް ރ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ ސަބްބޭސްގެ މަސައްކަތްތައް މިދިޔަ އަންގާރަ ދުވަހު އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދެބައިކުޅަ އެއްބައި މަސައްކަތްތައް މިހާރު ނިމިއްޖެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 17،790 އަކަމީޓަރުގެ ދިގުމިނުގެ ނުވަ މަގެއް ހެދުމާއި، 6،923 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17،790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމްކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމްކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

ދުވާފަރުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ މަހުގެ 13 ގައެވެ. އަދި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިދިޔަ އޮކްޓޯބަރުގެ 31 ގައި ވަނީ ނިންމާލާފައެވެ.

ޕްލޭނިން މިނިސްޓްރީން ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ ޖުމްލަ 37.8 މިލިއަން ރުފިޔާއަށެވެ.