އެސްޓީއޯގެ ހޯލްސޭލް ސެންޓަރު، އެގްރިސެންޓަރު ހުންނަ އިމާރާތަށް މިއަދުން ފެށިގެން ބަދަލުކޮށްފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހިންގާ އިމާރާތުގެ ސަރަހައްދުގައި ހުންނަ އެގްރިސެންޓަރުގެ އިމާރާތަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރު ބަދަލުކުރީ މިއަދުން ފެށިގެންނެވެ. މީގެ ކުރިން އެސްޓީއޯގެ ހޯލްސޭލް ސެންޓަރު ހުންނަނީ އެ ކުންފުނީގެ ޓްރޭޑް ބިލްޑިންގައި ހުސްނުހީނާ ގޯޅީގައެވެ.

މިކަމާ ގުޅިގެން އެސްޓީއޯއިން "ދަ ޕްރެސް" އަށް ބުނީ، އެ ކުންފުނީގެ ހޯލްސޭލް ސެންޓަރު ކުރިން ހުރި އިމާރާތް ސުޕަސްޓޯރަކަށް ބަދަލުކުރަން ނިންމައި، އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އަމާޒަކީ ރޯދަ މަހަށް ވާއިރަށް ސުޕަސްޓޯގެ މަސައްކަތްތައް ނިންމާލުން ކަމުގައި އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ، އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުގައި ވިއްކާ ތަކެތި އެ އިމާރާތަށް ބަދަލުކުރުމުގެ ސަބަބުން، އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ހިދުމަތް ލިބި، ލުއިފަސޭހަވެގެން ދާނެ ކަމަށެވެ.

ހޯލްސޭލް ސެންޓަރުންދޭ ހިދުމަތްތައް އެގްރިސެންޓަރު ހުންނަ އިމާރާތަށް ބަދަލުކުރި ނަމަވެސް، ހިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.