އިންޑިއާގެ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ބޮޑެތި ތުހުމަތުތަކާ އެކު ހައްޔަރުކުރި މީހަކާއި، އިތުރު އެހެން މީހަކު ފިޔަވައި ބާކީ ތިބި މީހުން ދޫކޮށްލައިފިއެވެ.

އިއްޔެ ހަވީރު 4 ޖެހިއިރު ޕީޕީއެމްގެ އޮފީސް ކައިރިން ބޮޑުތަކުރުފާނު މަގުން އިހުތިޖާޖު ކުރިއަށް ގެންގޮސްފައި ވާއިރު، އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވިއެވެ. އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން ގޮސްފައި ވާއިރު، އެ ސަރަހައްދު އޮތީ ބެރިކޭޑު ޖަހައި ބަންދުވެސް ކޮށްފައެވެ.

އިއްޔެގެ އިހުތިޖާޖުގައި ފުލުހުން 29 މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެ ތެރޭގައި ފުލުހަކަށް ހަމަލަދީ މާރާމާރީ ހިންގައި، ވެހިކަލަކަށް ގެއްލުންދިން މީހަކާއި މާލެ ތެރެއަށް އިހުތިޖާޖު ކުރަން ނުކުމެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހުން ހިމެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް މިއަދު ވިދާޅުވީ، އޭގެ ތެރެއިން ދެ މީހަކު ފިޔަވައި ބާކީ ތިބި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށާއި، ފުލުހަކަށް ހަމަލަދިން މީހާގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ ދެމީހުން ދޫކޮށްލުމަށް ގޮވާލައި، ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ރޭގެ ވަގުތެއްގައި މާލޭ ޖަލު ސަރަހައްދު ކައިރިއަށްވެސް ގޮސްފައިވެއެވެ.

އޭގެ ކުރީ ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި ކައުންސިލަރު އަހުމަދު އައިފާން ހިމެނޭހެން ހަތް މީހުން ހައްޔަރުކުރިއިރު، އެ އެންމެން ވަނީ ފަހުން ދޫކޮށްލާފައެވެ.

މިކަމާ ގުޅިގެން އިއްޔެ އިދިކޮޅުން ނެރުނު ބަޔާނެއްގައި، ކޯލިޝަނުން ވަނީ، އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވާ މީހުން ހައްޔަރުކުރަމުން ދަނީ ސަރުކާރުގެ އިސްވެރިންގެ އަމުރަށް ކަމަށް ތުހުމަތު ކޮށްފައެވެ.

އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތުގައި އިންޑިއާ ސިފައިން، މިހާރުން މިހާރަށް މި ގައުމުން ބޭރު ކުރުމަށް ގޮވާލާއިރު، މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާ އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރަށް ރަށުގައި އަދިވެސް ކުރިއަށް އެބަ ގެންދެއެވެ.