2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން އިދިކޮޅު ފަރާތްތަކުން ކޯޓަށް ދާން އަނެއްކާ ވެސް ނިންމައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ރާގިބު އަހުމަދު ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރީ ވޯޓާސް ލިސްޓުގައި މަރުވެފައި ތިބި މީހުން ހިމަނާފައި ވާތީ ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މައްސަލަތަކަށް ބަލާއިރު އެއަށް ވުރެއް ގިނަ މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން ލީކުވި ކަމަށް ބުނާ ބަޔާންތަކަށް ބަލާއިރު ވޯޓު ބާތިލު ކުރެވޭ ކަންކަން އެބަހުރި ކަމަށް ރާގިބް ވިދާޅުވިއެވެ.

"2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާތިލު ކޮށްފައި ވަނީ ހަމައެކަނި ލިސްޓުގައި މަރުވެފައި ތިބި މީހުން ހިމަނާފައިވާތީ. އެއަށްވުރެ މާ ގިނަ ކަންތައްތަކެއް މީގެ ތެރޭގައި އެބަހުރި. އެހެންވީމަ އެކަންތައްތަކުގެ އަލީގައި ޝަރީއަތަށް ހުށަހަޅަން ގަސްތު ކުރަނީ،" މުހައްމަދު ރާގިބު އަހުމަދު

ރިޔާސީ އިންތިހާބުގައި އޮޅުވާލުންތަކާއި ވޯޓު ބާތިލް ކުރެވޭނެ ގިނަ ކަންތައްތަކެއް ހުރުމުން އެ މައްސަލަތައް ކޯޓުތަކާއި އެންމެހާ މުއައްސަސާތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާގިބް ވިދާޅުވިއެވެ. ކޯޓުގައި ފާހަގަކުރާނެ މަައިގަނޑު ކަންތައްތަކުގެ ތެރޭގައި ވޯޓުލީ މީހުންގެ އަދަދާއި ވޯޓު ފޮށީގައިވާ ކަރުދާސްތަކުގެ އަދަދު ދިމާ ނުވާ މައްސަލަ އާއި ކަރުދާސްތަކުގެ ފީޗާތައް ދިމާ ނުވެ، ފޭކު ވޯޓު ކަރުދާސްތަކެއް ހުރި މައްސަލަ ހިމެނޭ ކަމަށް ރާގިބު ވިދާޅުވިއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް އާސިފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓު ކަރުދާސްތައް އަންދާނުލި ނަމަ އޭގައި ހިމެނޭ ތިން ސެކިއުރިޓީ ފީޗާއެއް މަދުކަން ޔަގީންކުރެވޭނެ ކަމަށާއި އޭގެ ތެރެއިން އެއްވެސް ވޯޓު ކަރުދާހެއްގައި އެ ސިފަތައް ނުހިމެނޭ ކަމަށެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާ އިއުލާންކޮށްފައި ވަނީ ވެސް ހުރިހާ ވޯޓު ފޮށިތަކެއް އިލެކްޝަން ސެންޓަރަށް ގެނައުމުގެ ކުރިން ކަމަށާއި އިތުރަށް ނަތީޖާ ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުން އިދިކޮޅު ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނާކިޔާބު ވުމާއެކު އެ އިންތިހާބު ބާތިލް ކުރުމަށް އިދިކޮޅުން ވަނީ އޭރު ހުށަހަޅާފައެވެ. އެ މައްސަލާގައި ހުކުމް ކުރީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއްގެ ހެއްކެއް ނެތް ކަމަށާއި އެހެންވެ އިންތިހާބު ބާތިލްކުރަން ނުޖެހޭ ކަމަށެވެ.

އިންތިހާބުބއޮލޫވާލި ކމަށް ބުނާ ވާހކަަތކުގެ އަޑު މަޑުވެފައި ވަނިކޮށް އަނެއްކާ އިދިކޮޅުން މިވާހަކަ އިއާދަކޮށް ދައްކަން ފެށީ ރައީސް ޔާމީން ތަންފީޒު ކުރަމުން ދިޔަ ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމުންނެވެ. އެގޮތުން މިދިޔަ އިންތިހާބާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަކަށް ނަގާފައިވާ ބަޔާންތަކުން ފާހަގަކުރެވޭ ކަންކަން ބަޔާންކޮށް ތައްޔާރުކުރި ރިޕޯޓެއް ކަަމަށް ބުނެ ލީކުވި އެ ރިޕޯޓުގައި ޖުމްލަ 54 ނުކުތާއެއް އިދިކޮޅުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އިންތިހާބު ކުރިއަށް ދިޔަ ވަގުތާއި، ވޯޓު ގުނުމާއި، އޭގެ ފަހުންވެސް އެތައް ކަމެއް ހިނގިކަމަށް އެ ރިޕޯޓުގައި ވެއެވެ. އޭގެ ތެރޭގައި ފޮށި ބަލަހައްޓަން ތިބޭ އޮފިޝަލުން ފަރުވާ ކުޑަކުރި ކަމާއި، ވޯޓު ގުނަމުން ދިޔަ ވަގުތު ބައެއް އޮފިޝަލުންނަށް ބިރު ދެއްކި ކަމުގެ މައްސަލަތައް ފާހަގަ ކުރިއެވެ.

އެ އިންތިހާބު އޮޅުވާލި ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތައް އީސީން އަންނަނީ ދޮގު ކުރަމުންނެވެ. އަދި އެ ލީކުވި ރިޕޯޓެއް ކަމަށް އިދިކޮޅުން ބުނާ އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ. އަދި އެ ރިޕޯޓުގެ މައްސަލަ ވެސް ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.