ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލައިގައި ހިމެނޭ ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ، އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން އާއި 17 އަހަރުގެ ކުއްޖެވެ. މިހާރު މި ޝަރީއަތް ފަށާފައި ވާއިރު، މި މައްސަލާގައި މިއަދު އޮތީ ހެކި ރައްކާތެރި ކުރުމުގެ އަމުރާމެދު ގޮތެއް ނިންމުމާއި، ބަންދު މުރާއަޖާ ކުރުމުވެ.

މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުން ވަނީ ދައުލަތުން އެދުނު ގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރެދެއްވާފައެވެ. އަދި މައްސަލައިގެ ޝަރީއަތް ނިމެންދެން އިބްރާހީމް ޒިހާން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން މިއަދު ވަނީ އެގޮތުގައި ދަމަހައްޓާފައެވެ. މީގެ އިތުރުން މި މައްސަލާގައި ދެން ހިމެނޭ 17 އަހަރުގެ ކުއްޖާގެ ޝަރީއަތް ޖުވެނައިލް ކޯޓުގައި ކުރިއަށްދާ އިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށް، މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާ ގޭބަންދުގައި ބަހައްޓަން ކުރިން ކުރި އަމަރު ދަމަހައްޓާފައެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ޖޫން 20 ވަނަ ދުވަހު ގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ޖޫން 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އިބްރާހިމް ޒިހާންގެ މައްޗަށް ކުރެވޭ ދައުވާ ތަކާ އެކު އޭނާގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ޕްރޮސެކިއުތާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. 27 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ސާބިތުވާ ކުށަކީ ހަމައެކަނި މި މައްސަލައިގައި ކުރާ ދައުވާތަކެއް ނޫނެވެ. މި މައްސަލައިގައި ތަހުގީގު ކުރަމުން ދަނިކޮށް އޭނާގެ އިތުރު މައްސަލަތަކެއް ވެސް ވަނީ ފެނިފައެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާން އަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ. އެ ނޫނަސް އޭނާ އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެކެވެ.

ޒިހާންގެ މައްޗަށް މި މައްސަލައިގައި 7 ބާވަތެއްގެ 13 ދައުވާއެއް ކުރެއެވެ. އޭނާއަށް ކުރާ ދައުވާތަކުގެ ތެރޭގައި ކުޑަކުދިން ގްރޫމް ކުރުން، މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާ ކުރުމާއި، ކުޑަކުއްޖަކު ލައްވާ ކުށް ކުރުވުމާއި، ގަސްތުގައި މީހަކު މަރާލުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ފަދަ ދައުވާތައް ހިމެނެއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މަރާލުން، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ހިމެނެއެވެ.