ކޮވިޑް-19ގެ ހާލަތު ގޯސްވެ، ރިޕޯޓު ކުރެވޭ ކޭސްތަކުގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން މައްކާގެ ހަރަމްފުޅުގައި ގައިދުރުކަމާއެކު އަޅުކަން އަދާކުރާ ގޮތަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށްފަހު ހުރިހާ ފިޔަވަޅުތަކެއް އުވާލާ، ލުއިތައް ދީފައިވަނީ ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެގޮތުން ފުލް ކެޕޭސިޓީގައި އުމްރާ ވުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދިނުމާއެކު މިސްކިތުގެ ބޭރުގައި މާސްކް ނާޅާ އުޅުމުގެ ހުއްދަ ވެސް ދީފައިވެއެވެ.
ނަމަވެސް ކޮވިޑްގެ ވޭރިއަންޓުތަކުގެ ސަބަބުން ބައްޔަށް ޕޮޒިޓިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދިއުމާ ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރުމަށް ނިންމާފައިވާ އުސޫލުތަކުގެ ތެރޭގައި މާސްކުއެޅުން ވެސް ހިމެނެއެވެ. މީގެ އިތުރުން ހަރަމްފުޅުގައި ނަމާދުކުރާ މީހުންނާއި ތަވާފުކުރާ މީހުންގެ އިތުރުން އެހެނިހެން އަޅުކަން ކުރުމުގައި ވެސް ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ.
އަދި އާންމުކޮށް މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ވެސް ގައިދުރުކަން ބެހެއްޓުމަށް އަންގާ، މާސްކު އެޅުމާ އަޅާފައިވާ އެންމެހާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.
ކޮވިޑާ ގުޅިގެން ސައުދީގައި މީގެ ކުރިން ވެސް ގިނަ ފިޔަވަޅުތަކެއް އެޅި އިރު އެއް އަހަރުގެ ހައްޖުގެ އަޅުކަން ވެސް ކެންސަލް ކޮށްފައިވެއެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ ސައުދީގައި ދިރިއުޅޭ 60،000 މީހުންނަށެވެ.