ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގޭ ގޮތަށް ގެސްޓްހައުސް ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

މިއަދު ގެޒެޓުކުރި އެ ގަވައިދުގައި ބުނީ، ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމަށް ހުއްދަ ދެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަނި ކަމަށާއި، އޭގެ ތެރެއިންވެސް ބޭރުގެ ފަރާތްތައް ހިއްސާ ނުވާ ވިޔަފާރިތަކަށް ކަމަށެވެ.

އެ ގަވައިދުގައި ސެކިއުރިޓީއަށާއި ހޯމްސްޓޭ ވިޔަފާރި ދަމަހައްޓައި މުޖުތަމައަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދަން އިސްކަން ދީފައި ވާއިރު، މި ވިޔަފާރިއަށް ޒިންމާ ކުރުމަށްޓަކައި އެ ރަށު ކައުންސިލްތަކުން ގިނަ ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.

އެ ގަވައިދުގައިވާ ގޮތުން، ހޯމްސްޓޭގެ ވިޔަފާރި ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ވިޔަފާރިތަކުން ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު، ހޯމްސްޓޭގެ ވިޔަފާރި ހިންގާ ތަނުގެ ރަޖިސްޓްރީ އާއި ވެރިފަރާތް އަންގައިދޭ ލިޔުމެއްގެ ކޮޕީއަކާއި، އެ ވިޔަފާރިއެއްގެ ރަޖިސްޓްރީގެ ކޮޕީއަކާއި، އެ ވިޔަފާރީގައި ބައިވެރިވާ މީހުންގެ ފަސް އަހަރު ދުވަހުގެ ކުށުގެ ރެކޯޑާއި، ޓީޖީއެސްޓީ ދެއްކުމަށް މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިއުން ހުށަހަޅަން ޖެހޭނެއެވެ.

ހަމައެއާއެކު، ހޯމްސްޓޭގެ ވިޔަފާރި ހިންގާ ތަނަކީ ފަތުރުވެރިން ބޭތިއްބުމަށްޓަކައި ޓޫރިޒަމްގެ ގާނޫނުގައިވާ ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އިމާރާތެއްގެ ގޮތުގައި ވާން ޖެހޭނެއެވެ. އެގޮތުން ހިދުމަތްތަކާއި ފަސޭހަތައް އެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ލިބޭ ތަނެއްގެ ގޮތުގައި އެ އިމާރާތެއް ވާން ޖެހޭނެއެވެ.

ހޯމްސްޓޭގެ ގަވައިދުގައިވާ ގޮތުން، އެ ވިޔަފާރިތަކަށް ހޯމްސްޓޭގެ ވިޔަފާރި ހިންގުމުގެ ހުއްދަ ދޫކުރާނީ ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް މުއްދަތު އިތުރުކުރަން ބޭނުންވާ ވިޔަފާރިތަކުން، އެ ވިޔަފާރިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެ ހުއްދަ އާ ކުރުމަށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭއިރު، ހުއްދަ އިތުރުކޮށްދެވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާނަމަ ކަމަށް އެ ގަވައިދުގައި ވެއެވެ.

ހަމަ އެއާއެކު ހޯމްސްޓޭގެ ވިޔަފާރި ހުއްޓާލަން ބޭނުންވާ ވިޔަފާރިތަކުން، އެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އެ ހުށަހެޅުން ލިބޭ ތާރީހުން ފެށިގެން، ރަސްމީ ބަންދުނޫން ހަތް ދުވަހުގެ ތެރޭ އެ ހުއްދަ ބާތިލްކުރުމަށް މިނިސްޓްރީގެ މައްޗަށް ލާޒިމްވާނެއެވެ.

ހޯމްސްޓޭގެ ގޮތުގައި ހުއްދަ ދެވޭނީ އެއް ކޮޓަރި އާއި ފަސްކޮޓަރިއާ ދެމެދުގެ ކޮޓަރިތައް ހުންނަ ތަންތަނަށެވެ. ހަމަ އެއާއެކު، އެ ކޮޓަރިތައް ހުންނަން ޖެހޭ ގޮތުގެ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެއެވެ. ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ކޮޓަރީގެ ބޮޑު މިނުގައި ފާހާނާ ހިމެނޭހެން 120 އަކަފޫޓް ހުންނަން ލާޒިމު ކުރެއެވެ.

ހޯމްސްޓޭ ތައާރަފްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު "ނޫ އިގްތިސޯދު"ގެ މެނިފެސްޓޯގެ ދަށުން ވެވަޑައިގެންފައިވާ ވައުދެކެވެ.