އާ އަހަރު ފާހަގަ ކުރަން ގިނަ ބަޔަކު ކ. މާފުއްޓަށް ދާން ތައްޔާރު ވެފައި ވަނިކޮށް އެ ރަށް މޮނިޓަރިންނަށް ލައިފިއެވެ.

މާފުއްޓަކީ ޗުއްޓީތަކަށާއި ހަފްތާ ބަންދުގައި ގިނަ ބަޔަކު ދާ އެއް ރަށެވެ. އަދި ގިނަ އަދަދެއްގެ ޓޫރިސްޓުން އެ ރަށަށް ދާއިރު މިފަހަރު މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުނާއި އާއްމުން އާ އަހަރު ފާހަގަކުރަން އެރަށް މިހާރުވެސް ގޮސްފައި ވަނިކޮށެވެ. އަދި ބައެއް މީހުން މާފުއްޓަށް މާދަމާ ދިއުމަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ.

މާފުށި މިއަދު ހަވީރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު މާފުށި ކައުންސިލަށް "ދަ ޕްރެސް" އިން ގުޅުމުން ވަނީ އެކަން އެނގިފައި ނުވާ ކަމަށް ބުނެފައެވެ.

މާފުށި މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު މި ލިސްޓުގައި މިހާރު ޖުމްލަ 16 ރަށެއް އެބައޮތެވެ.

މިވަގުތު 16 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު އެންމެ ގިނަ ދުވަސްވީ ރަށްތަކަކީ ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫ ފޭދޫ އަދި ސ. ފޭދޫއެވެ. މި ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި ދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

މީގެ އިތުރުން މި ދިޔަ ސެޕްޓެމްބަރު މަހު 4 ވަނަ ދުވަހު ސ. ހުޅުމީދޫ މޮނިޓަރިންގެ ހާލަތައް ލާފައި ވާއިރު މިދިޔަ އޮކްޓޯބަރު މަހު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރެއިން މިވަގުތު އޮތީ އެންމެ ރަށެކެވެ. އެއީ މ. މުލަކެވެ.

މިމަހު މޮނިޓަރިންނަށް ލީ ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިން ހާލަތުގައި އޮތީ 9 ރަށެކެވެ. އެއީ ދ. ކުޑަހުވަދޫ، ނ. ލަންދޫ، ތ. ވިލުފުށި، ގދ. ވާދޫ، ކ. ތުލުސްދޫ، ހދ. ނައިވާދޫ، ދ. ހުޅުދެލި، ގދ. ހޯޑެއްދޫ އަދި ގދ. ގައްދޫއެވެ.