ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ރަޝިއާގެ އެއާލައިނެއް ކަމަށްވާ ނޯޑްވިންޑް އެއާލައިންސް އިން އެގައުމުގެ ސެއިންޓް ޕީޓާސްބާގާއި މާލެ އާ ދެމެދު ޗާޓަރު ދަތުރުތައް އިއްޔެ ފަށައިފިއެވެ.

ފިނި މޫސުމާއި އާ އަހަރުގެ ޗުއްޓީ އާ ދިމާކޮށް ފެށި މި ދަތުރުތަކުގައި ހަފްތާއަކު އެއް ފަހަރު ނޯޑްވިންޑުން ދަތުރުތައް ބާއްވާނެއެވެ. އެ އެއާލައިނުން ބޭނުން ކުރާނީ އެއާބަސް އޭ330 މަރުކާގެ ބޯޓެކެވެ.

ނޯޑްވިންޑުން ދަތުރުތައް ފެށި އިރު، ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޯޓުން މާލެ އާއި މޮސްކޯ އާ ދެމެދު ދުވާލަކު ދެފަހަރު ދަތުރު ކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 22 ގެ ނިޔަލަށް ރަޝިއާއިން 214،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެއީ މިއަހަރު އައި ފަތުރުވެރިންގެ ގާތްގަނޑަކަށް 17 ޕަސެންޓެވެ.

ކޮވިޑުގެ ކުރިން ރާއްޖެއަށް ދަތުރުކުރި ޗާޓަރު އެއާލައިންތަކަށް ވުރެ، މިހާރު ރާއްޖެއަށް އަންނަ ޗާޓަރު އެއާލައިންތަކުގެ އަދަދު ދެގުނަ އަށް އިތުރުވެފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.