އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އދ. ދަނގެތީގެ ވިޔަފާރުވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ޝާ އަލޮމް މިއާގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފިއެވެ.
މި މައްސަލައިގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފައި ވަނީ ހެނދުނު 10:30 ގައި ފަށާ ގޮތަށެވެ. އަދި މި މައްސަލަ ބައްލަވާނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއެވެ.
އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 15:16 ހާއިރުއެވެ. އެއީ އެ އާއިލާއިން މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ.
މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް މަހާފައެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ޝާ އަލޮމް މިއާ ފުލުހުން ހައްޔަރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޝާ އަލޮމް މިއާ އަކީ އެ ރަށު ނެދުންގޭގައި އުޅޭ ބިދޭސީ މީހެކެވެ. އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހަކާއި އެމީހާ ބަލަން ހުންނަ މި ބިދޭސީ މީހާ އެކަންޏެވެ. އަދި މި މައްސަލައިގައި އޭނާ ހައްޔަރު ކޮށް ފުލުހުން ވަނީ މަހުމޫދު މަރާލި ގޮތް އޭނާ ލައްވާ ކުޅުވާފައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، މަހުމޫދުގެ ބޮލުގެ ތިން ތަނަކަށާއި ހަޑިގަނޑުގެ އެތަން މިތަނަށް އަނިޔާ ދީފައިވާ އިރު، ގާތްގަނޑަށް 30 ތަނަކަށް އަނިޔާ ދީފައިވާ ކަމަށެވެ. މަހުމޫދަށް ހަމާލާ ދިން ރޭ ތިން ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ ވަނީ މަހްމޫދަށް ހަމާލާދީފައި ކަމަށާއި އަދި އެރޭ 2 އާއި 3 އާ ދެމެދު ޝާ އަލޮމް މިއާ މަހުމޫދުގެ ހަށިގަނޑު އެއްޗަކަށް ލައިގެން ގޮނޑުމަތީގައި ގެންގޮސްފައި ވާ ތަން ސީސީޓީވީ ފުޓޭޖުން ފެނިފައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި ތަހުގީގަށް މައުލޫމާތު ދެމުން ޝާ އަލޮމް މިއާ ވަނީ އޭނާ މަހުމޫދު މަރާލީ އެކަނި ކަމަށް ބުނެފައެވެ. އެ ކަމުގައި އެއްވެސް އިތުރު މީހަކު ބައިވެރި ނުވާ ކަމަށް ވެސް އޭނާ ވަނީ އިއިތިރާފް ވެފައެވެ.