އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ހަރާކާތްތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެން އެ ހަރަކާތް އިތުރަށް ފުޅާކުރަމުން ގެންދަވާތީ ސަރުކާރުގެ ބައެއް ވެރިންނާއި ސަޕޯޓަރުން ރުޅިގަދަވެ، ފާޑުކިޔަން ފަށައިފިއެވެ.
"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި މިނިވަންވެ ވަޑައިގަތް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެ ގޮތުން އިއްޔެ ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ އިދިކޮޅުގެ ހަރަކާތާއި މިއަދު ކ. ތުލުސްދޫގައި ބޭއްވި ހަރަކާތުގައިވެސް ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ޖަހާފައި އޮތް ޓީޝާޓު ތުރުކުރައްވައިގެން ބައިވެރިވެ ވަޑައިގެންފައެވެ.
އެ ދެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެސް ގޮވާލައްވާފައެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބެނޭ ރާއްޖެ ހިފަންތޯވެސް އައްސަވާ، އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަަމަށް ވިދާޅުވެ ގެންދެވީ އިންޒާރުކުރައްވަމުންނެވެ.
މި ހަރަކާތްތަކާ ގުޅިގެން ފާޑުވިދާޅުވަމުން އެ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރިއާއި ހަތިޔާރުގެ ވިޔަފާރި ފަދަ ކްރޮސްބޯޑާ ޖިނާއީ ކުށްތައް ހިންގާ ނެޓްވޯކްތަކަށް ފުރުސަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އެއިން ފައިދާ ނަގާ މީސް މީހުން ކަންބޮޑުވާނޭ ކަމެއް ކަމަށެވެ. އަދި މިރާއްޖޭގެ ހަގީގީ މިނިވަން ކަމަށް އިންޑިޔާއަކީ މުހިއްމު ގައުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ކުރީގެ ރައީސަކަށް ވެ ހުންނަވައިގެން އަވައްޓެރި ގައުމަކާ ދެކޮޅަށް ޔާމީން ދައްކަވާ ވާހަކައިން ދޭހަވަނީ އެމަނިކުފާނުގެ ފެންވަރު ދަށްކަން ކަމަށެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ޒަމާނުއްސުރެ ދިވެހީންގެ މައިގަނޑު ކެއުމުގެ ބާވަތްތަކަކީ ހަނޑޫ، ހަކުރު، ފުށް ކަމަށާއި އެއީ ރާއްޖޭގައި ހެއްދޭ ބާވަތްތަކެއް ނޫން ކަމަށެވެ. އެ ބާވަތްތައް މައިގަނޑު ގޮތެއްގައި ގެންނަނީ އަވައްޓެރި އިންޑިޔާއިން ކަމަށް ވިދާޅުވެ ވައްޑޭ ވިދާޅުވީ އެއީ ދިވެހިންނާއި އަވައްޓެރިންގެ އެތައް ހާސް އަހަރުވީ ގުޅުމުގެ ކުޑަ މިސާލެއް ކަމަށެވެ.
މީގެ އިތުރުން ކުރީގެ ރައީސަކު "މުޅި ގައިގައި އިންޑިޔާ އައުޓް ޖަހައިގެން ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ އެންމެ ގާތް އެންމެ އަވައްޓެރި ގައުމާ ދެކޮޅުވެރިވެ ގަތުމުގެ އިންތިގާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށުދަރަޖައިގެ" ކަމެއް ކަމަށް ވެސް ވައްޑޭ ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ކެމްޕޭންގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމުން ފާޑުވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ ބިދޭސީ ޑްރަގް ނެޓްވޯކްތަކާ ގުޅިގެން ވެރިކަން ބަދަލުކުރާން ހިންގާ ހަރަކާތަކީ ޑިމޮކްރެޓިކް ހަރަކާތެއް ނޫން ކަމަށާއި އެފަދަ ހަރަކާތަކީ ގައުމަށް ނިކަމެތިކަން ލިބޭނެ ފަނާކުރަނިވި ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާ ކަނޑުގައި ޑުރަގް އޮއިވާލި ގިނަކުރަން ފުރުސަތެއް ނުދެވޭނެ ކަމަށާއި އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ "މި ފެންނަނީ ރައީސް ޔާމީންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްތަން ކަމަށާއި އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރި އެއް ގައުމު" ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށާއި ޑްރަގް ނެޓްވޯކްތަކާއި ޓެރަރިޒަމާއި ވަގު ވިޔަފާރިތައް ހުއްޓުވަން އިންޑިއާގެ އެހީތެރިކަން އެހާމެ މުހިއްމު ކަމަށް ހަމްދާން ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅުވާލެވޭނެ ދައުރެއް ނޫން ކަމަށާއި އެފަދައިން އެކަން އޮތުމުން "އިންޑިއާ އައުޓް އެކޭ" ވެސް ދިވެހިންނަށް ނުބުނެވޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ސަރުކާރު ލީޑުކުރާ އެމްޑީޕީއަށް ތާއީދުކުރާ ސަޕޯޓަރުންވެސް އަންނަނީ މިކަމާ ފާޑުކިޔަމުންނެވެ.
މިއަދު ތުލުސްދޫގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއިން އެންމެ އިންޗިއެއް ވެސް ބޭރު ބަޔަކަށް ދޭން ދިވެހިން ބޭނުން ނުވާނެ ކަމަށާއި އެންމެ އިންޗިއެއްގައި ވެސް ބޭރު ގައުމެއްގެ އަސްކަރިއްޔާ ތިބުމަކީ ނުރައްކާތެރި އަދި ބިރުވެރި ކަމެއް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖޭގެ ދާހިލީ ކަންކަމަށް ބާރު ފޯރުވަމުންދާ ކަމަށާއި އިންޑިއާ އަކީ އަވަށްޓެރި ގައުމެއް ނަމަވެސް އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމަކީ ހައްލެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން މި ސަރުކާރަށް މިހާރު ތާއީދެއް ނެތް ކަމަށާއި ރައްޔިތުން ސަރުކާރާ ބާރުތައް ހަވާލުކުރީ ބައެއްގެ ކައިރިއަށް ސަލާންޖަހަން ނާށިގަނޑު ހިފައިގެން ދާން ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާ އައުޓާއި ދެކޮޅު ކެމްޕެއިން ކުރަނީ އެއީ ބޮޑެތި ވަގުންނޭ ކެނެރީގެ ނަޝީދު އިންޑިއާ އިން ވަގުން ތަކެއް ގެނެސްގެން ކުރަނީ މުޅިން ވައްކަމޭ