ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫގެ ގެ އަގަކީ 9.8 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން 100,8 ކިޔުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށް ދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފުރިހަމަ ކޮށްފައެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު، މި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފައިނުގެ ދޯނި އެހެލާ ސަރަހައްދު ލެވެލް ކުރުމާއި، ރަށުގެ އެކި ސަރަހައްދުތައް ސާފުކޮށް ދިނުމާއި، ރަށުގެ ބައެއް މަގުތައް ސާފު ކުރުމާއި، މަގުތަކަށް ވެލިއަޅައި އެއްވަރު ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށް އެމްޓީސީސީން ބުނެއެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެތެރެއިން 8 މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 7 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.