ޏ. ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޏ. ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރއުގެ ބޮޑު ބައެއް ނިފައިވާ ކަމަށާއި އަދު ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމެވެ. މީގެ އިތުރުން މަގުމަތީ ނިޝާން ހަރު ކުރުމާއި މަގުބައްތި ހަރު ކުރުމާއި، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ ކުރިން ފުވައްމުލަކު ސިޓީގައި ވާރޭ ވެހި ފެންބޮޑު ވެއްޖެ ނަމަ ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ މައްސަލަތަކާއި އެކަމާ ގުޅިގެން އެތައް ޝަކުވާތަކެއް ވަނީ ކޮށްފައެވެ. އެމްޓީސީސީން އެ ރަށުގެ އތެރެޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމާ ލެވޭ އިރު ފުވައްމުލަކު ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ވޭތުވެ ދިޔަ 3 އަހަރު ތެރޭ އެމްޓީސީސީން ވަނީ 4 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފުރިހަމަ ކޮށްފައެވެ. އަދި މިހާރު ވެސް 12 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާ އިރު، 9 ރަށެއްގެ މަސައްކަތް ކޮންޓްރެކްޓް ވަނީ ހަދާފައެވެ.