ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 71 ޕަސެންޓު މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފިއެވެ

އެމްޑަބްލިއުއެސްސީން ބުނީ، ކިނޮޅަހުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން، ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތާއި، 7.8 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމާއި ބޯހޯލު ތޮރުފުމުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި، ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތްތައް ކަމަށާއި، އެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ކުރާ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން 6.49 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމާއި، ޕަންޕިން ލައިން އެޅުމާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި، ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކްރީޓް މަސައްކަތާއި ސީ އައުޓްފޯލް ގާއިމްކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް ބުންޏެވެ.

ހަމަ އެއާއެކު، ފެނާއި ނަރުދަމާ ނިޒާމުގެ ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަު ސެޓާއި، ވެހިކަލްގެ އިތުރުން، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ޕްލޭނިން މިނިސްޓްރީން 36.0 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއު ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ލިބިގެން ދާނެ ކަމަށެވެ.