ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ރާއްޖެއިން ފެނިއްޖެއެވެ.

އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނުނު ކަމަށް އެޗްޕީއޭއިން މިރޭ ވަނީ ބުނެފައެވެ.

ރާއްޖެއިން އޮމިކްރޯން ފެނުނީ މީގެ 2 ހަފްތާއެއްހާ ކުރިން ކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. އަދި އެ ވޭރިއަންޓް ފެނުނީ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރި ސައުތު އެފްރިކާގެ ފަތުރުވެރިއެއްގެ ކިބައިންކަންވެސް ވަނީ އެނގިފައެވެ.

އޭނާގެ ޓެސްޓް ޕޮޒިޓިވް ވި ނަމަވެސް އެޗްޕީއޭއިން ކުރިން އިއުލާން ނުކޮށް ހިފެހެއްޓީ، ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވާ ނަތީޖާ ލިބެންދެންކަން ވެސް ވަނީ އެނގިފައެވެ.

ރާއްޖެއިން އޮމިކްރޯން ފެނުނުކަން "ދަ ޕްރެސް" އަށް އެނގިގެން އެޗްޕީއޭގެ އޮފިޝަލުންނާ ސުވާލު ކުރުމުން "ކޮންފާމް ކޭސް އެއް އަދި ނެތް" ކަމަށް އޭރު ވިދާޅުވިއެވެ. އަދި ވަކިވަކި ކޭސްތަކާ ބެހޭ މައުލޫމާތު ހާމަ ނުކުރާ ކަމަށާއި އާ ވޭރިއަންޓާ ބެހޭ މައުލޫމާތުވެސް ޕްރެސްގައި ހާމަ ކުރައްވާނެ ކަމަށް އޮފިޝަލް އޭރު ވިދާޅުވިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ކޮވިޑްގެ އާ ވޭރިއަންޓް ފެނުނީ، އެފްރިކާގެ 7 ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރުމުގެ ކުރިން ރާއްޖޭގައި ހުރެ ފުރައިގެން ދިޔަ ފަތުރުވެރިއެއްގެ ފަރާތުން ކަމަށެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ރާއްޖޭގައި މިހާރު ޖީން ސީކްއެންސިން ހެދޭނެ ވަސީލަތް ހުރި ކަމަށެވެ. 1.2 މިލިއަން ޑޮލަރުގެ މެޝިނަރީޒް ގެނެސް އެ ޓެސްޓުގެ ޓްރަޔަލް (ތަހުލީލު) މަސައްކަތް ކުރިއަށް ދާކަން ވެސް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

ރާއްޖެއާ ކައިރިން އިންޑިއާ، އަދި ސްރީލަންކާއިން ވެސް އޮމިކްރޯން ވޭރިއަންޓް ވަނީ ފެނިފައެވެ. އިންޑިއާއިން އޮމިކްރޯން އަށް ޕޮޒިޓިވް ކޭސް ފެނިފައި ވަނީ ކަރްނާޓަކާ އިންނެވެ. ލަންކާއިން އޮމިކްރޯން އަށް ޕޮޒިޓިވް ވެފައި ވަނީ ނައިޖީރިއާ އިން އެގައުމަށް ދަތުރުކުރި ސްރީލަންކާ ރައްޔިތެކެވެ.