މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 116 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 4179 ސާމްޕަލް ޓެސްޓު ކޮށްފަިއވާ އިރު، ޕޮޒިޓިވް ވެފައި ވަނީ މާލެ ސަރަހައްދުން 25 މީހަކާއި، އަތޮޅުތެރެއިން 81 މީހަކާއި ރިސޯޓްތަކުން 6 މީހެކެވެ. މިއާ އެކު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު މި ވަނީ 1739 އަށް މަތިވެފައެވެ. އިއްޔެ އެކްޓިވް ކޭސްގެ ގޮތުގައި ތިބި ކަމަށް ރިޕޯޓް ކޮށްފައި ވަނީ 1726 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 92،095 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 19 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިއަދާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 638 ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 254 އަށް އަރާފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 205 މީހަކު މަރުވެފައެވެ. މި މަހު ތެރޭ ވަނީ މި ބަލީގައި މިއަދާ ހަމައަށް ހަތަރު މީހަކު މަރުވެފައެވެ.

މިއަދު ރާއްޖެއިން 116 މީހަކު ޕޮޒިޓިވް ވެފައި ވާ އިރު އިއްޔެ ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ 102 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތަފްސީލަށް ބަލާއިރު ކޭސްތައް އިތުރުވެފައި ވަނީ ރަށްރަށުން ޕޮޒިޓިވްވި މީހުން އިތުރުވުމުންނެވެ.