ދެ ރަށެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
އޭގެ ތެރެއިން ނ. މާޅެންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު އެ އަތޮޅުގެ މަނަދޫއާއި ލަންދޫގެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ކަރުދާސްކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާޅެންދޫގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ މައްޗަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
މީގެ އިތުރުން، އައްޑޫގެ ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމަތަކާ ގުޅިގެން މިމަހުގެ ތިންވަނަ ދުވަހު އެ އަވަށުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 55 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓަކާ އެކު ހައްޔަރުކޮށްފައިވެއެވެ.
އަދި މިމަހުގެ ފުރަތަމަ ދުވަހު ހުޅުމީދޫ ޕެޓްރޯލްކުރަމުން ދިޔައިރު ދެ މީހެއްގެ އަމަލުތައް ހުރިގޮތުން އެ ދެމީހުން ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓެއް ފެނިފައިވާތީ، 54 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަތަކާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މި މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަތައް ބަލާ އިތުރަށް ތަހުގީގު ކުރަމުންނެވެ.