ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޯން ރާއްޖެ ކައިރި އެހެން ގައުމުތަކުން ފެނިފައިވީ ނަމަވެސް ރާއްޖެއިން އަދި އެ ވޭރިއަންޓްގެ ކޭސްއެއް ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު އޮމިކްރޯން ވޭރިއަންޓް މިހާތަނަށް ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުން ފެނިފައިވާ އިރު މީގެ ތެރޭގައި އިންޑިއާ އަދި ސްރީލަންކާ ހިމެނެއެވެ.

ރާއްޖެއާ އެންމެ ކައިރި ދެގައުމުން އޮމިކްރޯން ފެނުމާ ގުޅިގެން ރާއްޖެއިން މިހާތަނަށް އެ ވޭރިއަންޓްގެ އެއްވެސް ކޭސްއެއް ފެނިފައިވޭތޯ ސުވާލުކުރުމުން އެޗްޕީއޭގެ އޮފިޝަލުން ބުނީ "ކޮންފާމް ކޭސް އެއް އަދި ނެތް" ކަމަށެވެ.

އަދި ވަކިވަކި ކޭސްތަކާ ބެހޭ މައުލޫމާތު ހާމަ ނުކުރާ ކަމަށާއި އާ ވޭރިއަންޓާ ބެހޭ މައުލޫމާތުވެސް ޕްރެސްގައި ހާމަ ކުރާނެ ކަމަށެވެ.

އާ ވޭރިއަންޓް އޮމިކްރޯން އަކީ މީގެ ކުރިން ފެނިފައިވާ ވޭރިއަންޓްތަކާ ބަލާ އިރު ބަލި ފަތުރުވާ މިންވަރު އިތުރު ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ އިރު ދުނިޔޭގެ ގައުމުތަކުން ވަނީ އެފްރިކާ ބައްރުގެ ދެކުނުގެ ގައުމުތަކުގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށްފައެވެ. ރާއްޖެއިން ވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވާ އިރު ސަރުކާރުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ އެފްރިކާ ބައްރުގެ 7 ގައުމެއްގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައެވެ. މީގެ ތެރޭގައި ދެކުނު އެފްރިކާ ވެސް ހިމެނޭ އިރު ރާއްޖެއަކީ ދެކުނު އެފްރިކާގެ ރައްޔިތުންގެ މެދުގައި މަގްބޫލު މަންޒިލެކެވެ.

މިގޮތުން، އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު އެގައުމުން 5،340 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ މައުލޫމާތު އަދި އިމިގްރޭޝަނުން ހާމަކޮށްފައި ނުވާ އިރު ދެކުނު އެފްރިކާ ހިމެނޭ ހެން އެފްރިކާގެ 7 ގައުމަށް ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު އެގައުމުތަކުގެ ރައްޔިތުން އޭގެ ކުރިން ރާއްޖެއަށް ދަތުރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.