ކޮވިޑްގެ އާ ވޭރިއަންޓު އޮމިކްރޯން އަކީ ކަންބޮޑުވުމެއް ކަމަށާއި އެ ވޭރިއަންޓާ ގުޅިގެން ރާއްޖެއިން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ޓެކްނިކަލް ގްރޫޕް މިއަދު ބައްދަލު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އޮމިކްރޯން ފެނިފައި ވަނީ މި މަހުގެ 24 ވަަނަ ދުވަހު ދެކުނު އެފްރިކާއިންނެވެ. ގައުމުތަކުން އަނެއްކާވެސް ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ.

އާ ވޭރިއަންޓުގެ ކަންބޮޑުވުން ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައި ވާއިރު ޔޫރަޕާއި ރާއްޖެ ކައިރިން ލަންކާއިންވެސް ދަނީ ފިޔަވަޅުތައް އަޅްމުންނެވެ. އެގޮތުން ދަތުރުފަތުރު ކުރުމުގައި ކޮވިޑް19 އާ ގުޅިގެން ދިން ލުއިތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ.

މިއަދު ޓެކްނިކަލް ގްރޫޕުން ބައްދަލު ކުރާއިރު ރާއްޖޭގައި މިހާރު ވަނީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖްހާ ބޫސްޓާ ޑޯޒްވެސް ޖަހަން ފްށާފައެވެ.

ރާއްޖޭގައި މިހާރު ބޫސްޓާ ޑޯޒް ޖަހަނީ 50 އަހަރުން މަތީގެ މީހުންނަށް ކަމަށާއި އެހެންނަމަވެސް މި ހަފްތާ ތެރޭގައި ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާ އަދި އެއާޕޯޓް ފްރޮންޓްލައިން މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށް މިއަދު ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ބޫސްޓާ ޑޯޒް ޖެހުމުގެ ޕްރޮގްރާމް ޑިސެމްބަރު މަހުގެ މެދުތެރޭގައި ފައްޓަވާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ މީހުން ވީހާވެސް އަވަހަކަށް ބޫސްޓާ ޑޯޒް ޖެހުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.