މިދިޔަ އަހަރުގެ ފެބްރުއަރީގައި ދުވަން ނިކުމެ އުޅެނިކޮށް ރަހުމްކުޑަ ގޮތަކަށް މަރާލީ އަހްމައުދް އާބެރީގެ ގާތިލުންގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.
ކަޅު ނަސްލުގެ މީހެއް ކަމަށްވާ އާބެރީގެ ރަހުމް ކުޑަ މަރަކީ އެމެރިކާގައި ފަހުގެ ތާރީހެއްގައި ހިނގި ނަސްލީ ތަފާތުކުރުމުގެ އެންމެ އަނިޔާވެރި އެއް އަމަލުގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އޭނާ މަރާލާފައިވަނީ އޭނާ ދުވަމުން ދިޔަ ސަރަހައްދުގައި އުޅޭ ތިން މީހުން ކަން ސާބިތުވެފައިވާ އިރު މިމީހުން ވަނީ އާބެރީގެ ފަހަތުން ދުއްވާފައި ގޮސް އޭނާ ގަދަކަމުން އުޅަނދަކަށް އެރުވުމަށް މަސައްކަތްކޮށް ގަޔާ ކައިރިން ބަޑި ޖަހާ އޭނާ މަރާލާފައެވެ.
މި ތިން މީހުންނަކީ ވެސް ދޮން ނަސްލުގެ މީހުން ކަމަށްވާ އިރު މީގެ ތެރޭގައި ހިމެނީ 65 އަހަރުގެ ގްރެގަރީ މެކްމައިކަލްއާއި އޭނާގެ 35 އަހަރުގެ ދަރިފުޅު ޓްރޭވިސް މެކްމައިކަލް އަދި އެދެމީހުންގެ އަވަށްޓެރިއެއް ކަމަށްވާ އުމުރުން 52 އަހަރުގެ ވިލިއަމް ބްރަޔަންއެވެ.
މި ތިން މީހުންގެ މައްޗަށް ވެސް މީހަކު މަރާލި ކަމުގެ ދައުވާ ސާބިތުވެފައިވާ އިރު އާބެރީގެ ގަޔަށް ބަޑި ޖަހާ މަރާލި ޓްރޭވިސްއަށް ސާބިތުވެފައިވަނީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. އަދި އޭނާގެ މައްޗަށް ކުރި އިތުރު 8 ދައުވާއެއް ވެސް ވަނީ ސާބިތުވެފައެވެ. މިތިން މީހުންގެ މައްޗަށް ހުކުމް ކުރާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވާ އިރު ތިން މީހުންނަށް ވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.
2020 ވަނަ އަހަރު ހިނގި މި އަނިޔާވެރި ހާދިސާގެ ސަބަބުން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ކުރި އިރު މުޒާހަރާތައް ފެށީ އާބެރީ މަރާލާތަން ފެންނަ ވީޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ. އާބެރީ މަރުވިތާ ދެމަސް ދުވަސް ފަހުން ލީކުވި މި ވީޑިއޯއަކީ ވިލިއަމްގެ ފޯނުން ނަގާފައިވާ ވީޑިއޯއެކެވެ. ދުވަމުން ދިޔަ އާބެރީ ހުއްޓުވާ އޭނާއާ ދިމާލަށް ބަޑި ދިއްކުރާތަން މިވީޑިއޯއިން ފެންނަ އިރު ގަޔާ ކައިރިން އޭނާ ގަޔަށް ބަޑި ޖަހާ ތަނާ އެއާއެކު އާބެރީ ވެއްޓޭ ތަން ވެސް މި ވީޑިއޯއިން ފެނެއެވެ.
އާބެރީ މަރާލި މައްސަލައިގައި ޓްރޭވިސް، ގްރެގަރީ، އަދި ވިލިއަމް ހައްޔަރުކޮށްފައިވަނީ މި ވީޑިއޯގެ ސަބަބުންނެވެ. އަދި އެތިން މީހުންގެ މައްޗަށް ކުށް ސާބިތުވުމުގައި ވެސް މި ވީޑިއޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި އަނިޔާވެރި އަމަލުގެ ދިފާއުގައި ޓްރޭވިސް ބުނެފައިވަނީ އެދުވަހު އާބެރީ ފަހަތުން ދުއްވާ އޭނާ ހުއްޓުވަން މަސައްކަތް ކުރީ އޭނާ އަކީ އެސަރަހައްދުގެ ބައެއް ގެތަކުން ވައްކަން ކުރި މީހެއް ކަމަށް ޝައްކުވެގެން ކަމަށެވެ. އަދި އާބެރީ ގަޔަށް ބަޑި ޖެހީ އަމިއްލަ ދިފާއުގައި ކަމަށެވެ.
އެހެން ނަމަވެސް މަރުވުމުގެ ކުރިން ކޮންމެ ދުވަހަކު އެހެން އެސަރަހައްދުގައި ދުވާ އަހްމައުދް އާބެރީ މިފަދަ އެއްވެސް ކުށެއް ކުރި ކަން ތަހުގީގަށް ސާބިތެއް ނުވެއެވެ. އަދި އޭނާ މަރުވި އިރު އޭނާގެ ޖީބުގައި ފޯނެއް އަދި ވޮލެޓެއް ވެސް ނެތެވެ.