މަޝްރޫއުތައް ލަސްވެ ގެއްލުންވަމުން ދާތީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން 2 ކުންފުންޏެއް ސަސްޕެންޑް ކޮށްފިއެވެ.

މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ކުންފުންޏެއް ސަސްޕެންޑް ކުރި ފުރަތަމަ ފަހަރެވެ. މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުގައި ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހެއެވެ. އެގޮތުން ބީލަންވެރިން ނުވަތަ މަސައްކަތާ ހަވާލުވާ ކުންފުނިތައް ސަސްޕެންޑް ކުރެވޭނެ ހާލަތްތައް ވެސް ގަވާއިދުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ ރިވިއު ކޮމިޓީން ފުރަތަމަ ފިޔަވަޅު އެޅީ އެލްއެފް ކޮންސްޓްރަކްޝަނާއި ސަޕްލަޔަރެއް ކަމަށްވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްސް އަށެވެ. އެ މިނިސްޓްރީން ބުނި ގޮތުން ށ. ފޯކައިދޫގެ ކޮމިއުނިޓީ ސެންޓަރު އަޅަން ހަވާލުކުރި އެލްއެފް ކޮންސްޓްރަކްޝަން ސަސްޕެންޑް ކުރީ އަންނަ އަހަރުގެ ނޮވެމްބަރު 22 އާ ހަމައަށެވެ. އަދި އއ. ބޮޑުފުޅަދު އާއި މަތިވެރި އަދި މާޅޮހަށް ވޭސްޓް މެނޭޖްމެންޓް މެޝިނަރީޒް ފޯރުކޮށްދޭން ހަވާލުކުރި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ސަސްޕެންޑް ކުރީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.

ސަޕްލަޔަރުން ސަސްޕެންޑް ކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ލަސްވުމުގެ އިތުރުން ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުމާއި ކޮންޓްރެކްޓް ކުރިއަށް ގެންދާއިރު ވެސް އޮޅުވާލުމާއި ދޮގު މައުލޫމާތު ދިނުން ހިމެނެއެވެ.