އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ހިންގާ އިމާރާތުގައި ދަރިވަރުން ކިޔަވަން އަދި ނުރައްކަލެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރުު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ ސުކޫލު އިމާރާތުގައި ބޮޑެތި ރެނދު އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން މިއަދު މަޖިލީހުގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ސްޓްރަކްޗާއަށް ގެއްލުން ލިބި އެ ސްކޫލަށް ދަރިވަރުން ފޮނުވަން ބެލެނިވެރިން ޖެލިލުން ވާތީ އެކަމަށް ހައްލެއް އެބަ އޮތްތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ބޮޑެތި ރެނދުތައް ހުރިކަން މިނިސްޓްރީގެ ސަމާލުކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައިސްފައިވާ ކަމަށެވެ.

ސްކޫލުގެ ހާލަތު ފެނި އިންޖިނިއަރުން ލައްވާ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި އިންސްޕެކްޝަން ރިޕޯޓުން ދައްކާ ގޮތުގައި ވަގުތުން ވަގުތައް ކުރަން ޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިގެން ކަމަށް ލަފާ ދީފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި އަދި ދަރިވަރުންނަކަަށް ގެއްލުމެއް ނެތް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި އަދިއެއް ދަރިވަރުންނަކަަށް ގެއްލުމެއް ނެތް. އެއީ އަޅުގަނޑުމެން ވަރަށް ކްލޯޒްލީ މޮނީޓާ ކުރަމުން ދަނީ. ކިރިޔާވެސް ދަރިވަރުންނަށް ނުރައްކާވާކަން އަޅުގަނޑުމެންނަށް އެނގޭނަމަ އެތަނުން ކުދިން ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.
އެޑިއުކޭޝަން މިނިސްޓަރުު ޑރ. އައިޝަތު އަލީ

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްޓްރަކްޗަރަލް އެސެސްމަންޓް އަންނަ ސްކޫލު ބަންދުގައި ހެދޭނެ ގޮތަށް ރާއްވަވާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދާދި ފަހުން އާންމުވެފައި ވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސުކޫލުގެ އިމާރާތުގެ އެކި ތަންތަނުގައި ވަނީ ރެނދު ލައިފައެވެ.

އިމާރާތުގެ ގިނަ ތަނބު ތަކުގައި ރެނޑުލާފައި ވާއިރު ބައެއް ރެނޑުތައް ލާފައި ހުރި ތަންތަނަށް އަތްތިލަ އެއްކޮށް ވަންނަހާ ފުޅަލެވެ. މީގެ އިތުރުން ސުކޫލް އިމާރާތުގެ ބައެއް ތަންތަނުން ފެން ލީކުވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.