މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭ 6.8 ކިލޯގެ ކެނަބިސްއާ އެކު ހައްޔަރު ކުރި ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން މިއަދު ދޫކޮށްލައިފިއެވެ.

މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ޝަރީފް އިއްޔެ ދޫކޮށްލާފައި ވަނީ ޕީޖީން އެދިގެން އޭނާގެ ކޮނޑު ހުޅުގެ އޮޕަރޭޝަނެއް ކުރުމަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭތީ، ކަރެކްޝަންސްގެ ބަންދުގައި ހުރުމުން ބޭރަށް ފުރުމުގެ އިންތިޒާމު ހަމަނުޖެހި ގިނަ ދުވަސްވާތީއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފުލުހުން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ކެނަބިސްއާ އެކު ފުރަތަމަ ހައްޔަރު ކުރީ 3 މީހުންނެވެ. އޭގެތެރެއިން އެކަކު ދޫކޮށްލާފައި ވަނީ އޭނާގެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އެގެއިން ފެނިފައި ނުވާތީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން ދެން ހަޔަރު ކުރި ދެމީހުން، ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދު، އާއި ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފްގެ މައްޗަށް ވަނީ ކެނަބިލް ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައެވެ. އަދި އެމީހުން ތިބީ މައްސަލަ ނިމެންދެން ބަންދުގައެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުން މި ދެމީހުންގެ ތެރެއިން މުހައްމަދު ޝަރީފް ބަންދުން ދޫކޮށްލީއެވެ.

ޝަރީފަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައި ވެއެވެ.

ހުޅުމާލެއިން އަތުލި 6.8 ކިލޯގެ ކެނަބިސްގެ މޫނުމަތީ އަގަކީ 5.6 މިލިއަން ދިވެހި ރުފިޔާއެވެ.