މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށައެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިހާރު ޕާސްޕޯޓު ހައްދަން އެދި ހުށަހަޅަން ޖެހެނީ އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށެވެ. ޕާސްޕޯޓަށް އެދި ހުށަހަޅަން ބޭނުން ކުރާ އިމުގާ ޕޯޓަލް އަޕްޑޭޓް މަސައްކަތް ނިމިފައި ވާތީ މިއަދުން ފެށިގެން، ހަފްތާގެ ހުރިހާ ދުވަހެއް ހިމެނޭހެން، 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ، އެޕްލިކޭޝަންތައް ޕްރޮސެސް ކުރާނީ ޕާސްޕޯޓަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށެވެ. އަދި ފައިސާ ދައްކާތާ މަސައްކަތު 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ދޫކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ތާރީހުން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.