ޖަޒީރާ ވަންތަ މި ރާއްޖެ އަކީ ކުދި ރަށްރަތަކެއް ހިމެނޭ، ބިމަކަށް ވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. ކާބަފައިންގެ ޒަމާނުގައި އެންމެ ބޮޑު ދަތިކަމެއް ދިމާވަނީ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރަން ޖެހުމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވެ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ތަރައްގީއަށް ބަލާއިރު ކަނޑު ދަތުރު ފަތުރުގެ އިތުރުން ވައިގެ ދަތުރު ފަތުރުތައް ކުރެވޭ ގޮތަށް މި ރާއްޖެ ވަނީ ތަރައްގީވެފައެވެ.
މި ސަރުކާރު ވެރިކަމަށް އައީ ރާއްޖެއަށް އިތުރު ތަރައްގީ ގެނައުމަށް ރައްޔިތުންގެ އަޑު އަހައި ރައްޔިތުންނަށް މަންފާ ކުރާނެ ފަދަ ގިނަ ވައުދުތަކެއް ފުއްދައި ދިނުމަށް ވައުދުވެގެންނެވެ. އެ ގޮތުން ދަތުފަތުރުގެ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު 3 އަހަރު ފާއިތުވެފައިވާ އިރު ދައުރު ނިމުމަށް ދެން ބަކީ އޮތީ ދެ އަހަރުގެ މުއްދަތެކެވެ. ގިނަ ކަންތައްތަކެއް ފުއްދައިދެއްވާނެ ކަމަށް ވައުދުފުޅު ވެ ވަޑައިގެން ވެރިކަމާ ހަވާލުވެވަޑައި ގަތްތާ އަހަރެއް ފަހުން ދުނިޔެއަށް ކުރިމަތިވެގެން ދިޔަ ކޮވިޑްގެ ސަބަބުން މި ސަރުކާރުގެ މަޝްރޫތައް މަޑުޖެހި "ސްލޯ ސަރުކާރެއް"ގެ ގޮތުގައި ލޭބަލް ވެގެން ދިޔައެވެ.
ސަރުކާރުން ވީ ވައުދު ފުއްދުމުގައި ހުރަސްތަކެއް ކުރިމަތިވި ނަމަަވެސް މި ސަރުކާރު ފަހަތަކަށް ނުޖެހެއެވެ. އެގޮތުން ސަރުކާރުން ތަރައްގީގެ ދުވެލި ބާރުކޮށްލައި ނިމިދިޔަ އަހަރު ކޮވިޑާ ހެދި ނުފެށި އޮތް ހައި ސްޕީޑް ފެރީ ނެޓްވޯކުގެ މަސައްކަތް، ފެށުމަށް ސަރުކާރުން ވަނީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައެވެ. "އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން، ޓާމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތް ނިންމާލެވޭ އިރު ދަތުރުވެރިންނާއި މުދާ އުފުލާ ފެރީގެ ވިއުގައަކުން މުޅި ރާއްޖެ ގުޅުވައިދޭނެއެވެ.
ހަމައެއާއެކު ކަނޑުދަތުރުފަތުރުގެ ސަލާމަތަށް 184 ނެރުބައްތި ޖަހައިދީފައި ވެއެވެ. އަދި ޕްރައިވެޓް ސެކްޓާގެ ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާ ކުރުމަށް 105،639،508 ރުފިޔާގެ ލޯން ވެސް ސަރުކާރުން ވަނީ ދޯކޮށްފައެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނި ގާއިމްކޮށް ބައިންލައަގްވާމީ ކާގޯ ފެރީ ދެ ސަރަހައްދަކަށް ވަނީ ފަށާފައެވެ.
ވައިގެ ދަތުރުފަތުރަށް ބަލާއިރު އެންމެ ގިނައިން މީހުން ކުރާ ޝަކުވާއަކަށް ވެފައި އޮންނަނީ ޓިކެޓްގެ އަގު ބޮޑު ކަމުގެ ވާހަކައެވެ. ބައެއް ފަހަރު ރާއްޖޭގެ އެންމެ ދެކުނަށް ކުރާ ދަތުރަކަށް ކުރަންޖެހޭ ހޭދައިން ރާއްޖެއިން ބޭރަށް ދަތުރު ކުރިއަސް މާ ރަނގަޅުވާނެ ކަމަށް ބައެއް މީހުން ބުނެ އުޅެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ މީހުންގެ ޖީބަށް ލުއިވާނެ ގޮތަށް އެތެރޭގެ ވައިގެ ދަތުރުފަތުގެ ޓިކެޓުގެ އަގު 25-35 ޕަސެންޓު ކުޑަ ކޮށްފައެވެ.
ވައިގެ ދަތުރު ފަތުރު ހިދުމަތް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހއ. ހޯރަފުށީގައި އެއާޕޯޓެއް ހުޅުވާފައެވެ. އަދި މ. މުލީގަ އާއި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ހެދުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެއްގަމު ދަތުރުފަތުގެ ކަންކަމަށް ބަލާއިރު، ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރު ވެފައެވެ. ހަމައެއާއެކު މަގު ހެދުމުގެ މަޝްރޫގެ ދަށުން ސ. ހުޅުދޫ އަދި މީދޫގައި އާއި ށ. ފުނަދޫގެ މަގު ހެދުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ އިތުރުން މަގުހެދުމުގެ 12 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި، އިތުރު ނުވަ މަޝްރޫއެއް މިހާތަނަށް ވަނީ އެއްބަސްވުން ނިންމާފައެވެ.
މި މަސައްކަތްތަކަކީ ރާއްޖޭގައި ތަރައްގީގެ ކުލަ ޖެހެމުންދާ ކަން ހާމަކޮށްދޭ ހެއްކެކެވެ. ސަރުކާރަށް 3 އަހަރު ވީއިރު މި ދައުރުގެ ބޮޑުބައެއް ނިި،ިގެން ދިޔައީ ކޮވިޑްގެ ބަލިމަޑުކަމުގައި ގިނަ ދުވަސްތަކަކަށް މަސައްކަތްތައް ހުއްޓީ ނުވަތަ "ޑިލޭ" ވެގެންނެވެ. މިފަދަ އަނދިރި ދުވަސްތަކެއް އައި މި ސަރުކާރުގެ ވެރިކަމުގައި ފުއްދުނު ކަންކަމަށް ބަލާ ނަމަ ހައިރާން ވާ ވަރުގެ ނަތީޖާއެއް ފެންނަން އޮތް ކަމީ އުފާ ކުރަން ޖެހޭ ކަމެކެވެ.
ދަތުރުފަތުރުގެ ކަންކަމަށް ގެނެސްދިން ކުރިއެރުމަކީ އަބަދުގެ އަބަދަށް އެކަމަކުން ރައްޔިތުންނަށް ފައިދާ ކުރާނެ ފަދަ ކަންކަމެވެ. މި ސަރުކާރުން ގެނެސްދިން ޖަޒީރާ މެނިފެސްޓޯގެ ކުލަތައް ޖެހެމުންދާ ކަމުގެ އެއް ހެއްކަކީ ސަރުކާރުން ފުއްދަމުންދާ ވައުދުތައް ފުރިހަމަވެ އެކަމުން ރައްޔިތުންނަށް ފައިދާ ލިބެމުން ދިއުމެވެ.
ފުއްދަން ފަސޭހަ އެތައް ވައުދެއް މިއޮތީ އޮތްގޮތައް ބިދޭސީންގެ ކަންކަން މާލޭ ޕާކިންގ ޕަބްލިކް ޓްރާންސްޕޯޓް ފަދަ އެތައް ކަމެއް ވީކަންކަމަށްވުރެ ނުވާކަންކަން ހާސް ގިނަ.