ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖެއަށް ކުރިމަތިލާން ޖެހުނު އިގްތިސޯދީ އަޑިގަނޑުގައި ތިބީ އަތްއުރާލައިގެން ނޫން ކަމަށާއި އެ ހީނަރުކަން މި އަންނަނީ އިއާދަވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ ކްރޮސްރޯޑުގައި ބޭއްވި ގޯލްޑް 100 ގަލާ އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އޭގެ ނަތީޖާ މަޑުމަޑުން ފެންނަމުން އެބަ އަންނަ ކަމަށާއި އިގްތިސޯދަށް އައި ހީނަރުކަން މި އަންނަނީ އިއާދަވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އިގްތިސޯދީ އަޑިގަނޑުގައި އަޅުގަނޑުމެން ދެއަތް އުރާލައިގެން ތިބީކީ ނޫން. އާ ވިޔަފާރިތައް ވެސް އަންނަނީ މަޑުމަޑުން އުފެދެމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދަނީ ކުރިއަށް. އަޅުގަނޑުމެން މި އަންނަނީ އިގްތިސޯދު އަލުން އިއާދަކުރަމުން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީފައި ވާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. ބޮޑެތި ވިޔަފާރިތަކަށާއި، ކުދި ވިޔަފާރިތަކަށް ވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށާއި އަދި ހަމަ އެ ދަތި ހާލުގައި ވެސް، އިގްތިސޯދު ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ވިޔަފާރިތަކުން ކުރަމުން ގެންދިޔަކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު އާ ވިޔަފާރިތައް ރާއްޖޭގެ އިގްތިސޯދަށް ނެރެދިނުމަށްޓަކައި، ސަރުކާރުން މިހާރު ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރު އަބަދުވެސް އޮންނާނީ، ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގޯލްޑް ހަންޑްރެޑް އެވޯޑް ހާސިލް ކުރި ވިޔަފާރިތަކަކީ، ކާމިޔާބު ހަރުދަނާ ވިޔަފާރީގެ ނަމޫނާތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ، ހަމައެކަނި ފައިދާއަށްޓަކައި ހިންގާ ވިޔަފާރިތަކެއް ނޫން ކަމަށާއި އެއީ، އީޖާދީ އުފެއްދުންތެރިކަމާ އެކު، ކުރިމަގަށް ވިސްނައިގެން ހިންގާ ވިޔަފާރީގެ ނަމޫނާތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި، ގައުމީ ތަރައްގީއަށް ކޮށްފައި ވަނީ، ގުނައި އަދަދު ނުކުރެވޭހާ ގިނަ ފައިދާތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ރައްޔިތުންނަށް ލިބުނު މަންފާއާއި ލާބަ ވަކިން ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.