ކައުންސިލްތަކަށް ސަރުކާރުން ދޭން ކަނޑައަޅާފައިވާ ބަޖެޓުގެ ފަސް ޕަސެންޓުން ކައުންސިލްތަކުގެ ހަރަދުތައް ދެކޮޅު ނުޖެއްސޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން، ވައްޑޭ ވިދާޅުވީ، އަލަށް ގެނެސްފައިވާ ލާމަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލަރުންގެ އަދަދު އިތުރުކޮށް، އަންހެނުންގެ ކޮމިޓީއަށް އުޖޫރައެއް ކަނޑައަޅާފައި އޮވެ، ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމާއެކު، ބަޖެޓުގެ ފަސް ޕަސެންޓުން ކައުންސިލްތަކުގެ ހަރަދުތައް ދެކޮޅެއް ނުޖެއްސޭނެ ކަމަށް ކައުންސިލްތަކުން ބުނަމުންދާ ކަމަށެވެ.
އެ ފަސް ޕަސެންޓުގެ ސަބަބުން، ރަށްރަށުގައި ކައުންސިލްތަކުން ކުދި މަޝްރޫއުތަކަށާއި، އަސާސީ ހިދުމަތްތަކަށް ހަރަދުކުރަން ދަތިވާނެ ކަމަށް ވައްޑޭ ފާހަގަ ކުރެއްވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން ކަނޑައެޅި ފަސް ޕަސެންޓް ބޮލްކް ގްރާންޓުން މި ޖެހެނީ މި ހުރިހާ ކަމަކަށް ފައިސާ ހަރަދު ކުރަން. އެހެންކަމުން މި ވާގޮތަކީ މި ފަސް ޕަސެންޓުން މި ކަނޑައެޅޭ ގާތްގަނޑަކަށް ދޮޅު ބިލިއަނެއްހާ ރުފިޔާ، ހަމައެކަނި ކައުންސިލްތަކުގެ ރިކަރަންޓު ހަރަދުވެސް ދެކޮޅެއް ނުޖެހޭ. ހަމައެކަނި މުސާރަ ދީފަ ކައުންސިލްގެ ބިލްތައް ދެއްކޭވަރުވެސް ނުވޭ." ވައްޑޭ ވިދާޅުވިއެވެ.
އެހެންކަމުން، ކައުންސިލްތަކަށް ސަރުކާރުން ހަމަޖައްސާފައި އޮތް ބަޖެޓު ފަސް ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރަން ވައްޑޭ ވަނީ ގޮވާލައްވާފައެވެ.
"މި ފަސް ޕަސެންޓަކީ އެންމެ ދަށްކޮށް ދޫކުރަންޖެހޭ އަދަދު ކަމުގައި ކަނޑައަޅާފައި އޮތަސް، ހަގީގަތުގަ މިހާރު ބަޖެޓުގެ އަށް ވަރަކަށް ޕަސެންޓު ނޫނިއްޔަކާއެއް ކައުންސިލްތަކުގެ ރިކަރަންޓު ހަރަދުވެސް ކައުންސިލްތަކުން ކުރަންޖެހޭ އެންމެ އަސާސީ ކަންކަމުގެ ހަރަދުވެސް ދެކޮޅެއް ނުޖެހޭނެ." ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭ އިތުރަށް ވިދާޅުވީ، ކައުންސިލްތަކަށް ކަނޑައަޅާފައި އޮންނަ ބައި ބަޖެޓުން އިތުރުނުކޮށްފި ނަމަ، އެކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ހިންގަން ދަތިވާނެ ކަމަށެވެ.