އިންޑިއާގެ އިރުއުތުރު ސްޓޭޓެއް ކަމަށްވާ މަނިޕޫރުގައި ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި އިންޑިއާ ސިފައިންނާ ދެމެދު އަސްކަރީ ކުރިމަތިލުމެއްގައި އިންޑިއާ ސިފައިންގެ ފަސް މީހުން މަރުވެއްޖެއެވެ.

ދެފަރާތުގެ ދެމެދު ބަދަލުކުރި ހަމަލާތަކުގައި އާންމުންގެ ދެމީހަކު ވެސް މަރުވެފައިވާ ކަމަށް އިންޑިއާގެ އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ އޮފިޝަލުން ބުނެފައިވަނީ ހަމަލާތައް ބަދަލުކުރަން މެދުވެރިވީ އެސަރަހައްދުގައި އޮންނަ އެކަހެރި އަވަށަކަށް އިންޑިއާ ސިފައިންގެ ގާފިލާއެއް ދިޔަ މަގުމަތީގައި ހަނގުރާމަވެރިން އެ ގާފިލާއަށް ހަމަލާތައް ދިނުމުން ކަމަށެވެ.

މިގޮތުން، ހަނގުރާމަވެރިން ވަނީ ގާފިލާއަށް އިސްވެ ބަޑިން ހަމަލާ ދީފައި ކަމަށާ، މިހަމަލާތަކުގައި އަސްކަރިއްޔާގެ އިސް ކާނަލަކާއި އޭނާގެ އަންހެނުންނާއި ދަރި ވެސް މަރުވެފައިވާ ކަމަށް އިންޑިއާގެ އޮފިޝަލުން ބުނެއެވެ.

މި ހަމަލާއާ ގުޅިގެން ޓްވިޓާގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތް ސިންގްހް ވަނީ މިއީ ފިނޑި ހަމަލާއެއް ކަމަށާ މިކަން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މަރުވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ރަޖްނާތް ވަނީ މި ހަމަލާގެ ފަހަތުގައި ވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އިންޑިއާގެ އިރުއުތުރު ސަރަހައްދަކީ އެގައުމުން ޗައިނާ، ބަންގްލަދޭޝް އަދި މިޔަންމާއާއެކު ހިއްސާ ކުރާ ސަރަހައްދީ ރޮނގު އޮންނަ ސަރަހައްދަށް ވާ އިރު އެ ހިސާބަކީ ދޭތެރެ ދޭތެރެއިން މިފަދަ ހަމަލާތައް ބަދަލުކުރާ ހަމަނުޖެހުންތައް ގިނަ ހިސާބެކެވެ.