އެމްއެންޑީއެފުން ހުޅުމާލޭގައި ގާއިމްކުރި ކަލާސީނު ކޮށި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަލާސީނު ކޮށި ރަސްމީކޮށް ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މާރިޔާގެ އިތުރުން، ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

ކަލާސީނު ކޮށި ހުޅުއްވައިދެއްވުމަށް ފަހު، މިނިސްޓަރު މާރިޔާ ވަނީ އެ ކޮށީގައި ހިމެނޭ އެހެނިހެން ބޭސްތަކާއި ސެންޓަރުތައްވެސް ހުޅުއްވައިދެއްވާފައެވެ.

ކަލާސީނު ކޮށީގައި ހިމެނޭ ބޭސްތައް/ސެންޓަރުތައް

  • މެރިޓައިމް އެންޑް ލޮޖިސްޓިކްސް ބޭސް
  • ކޯސްޓްގާޑު ޑައިވިން ޔުނިޓު
  • ސަޕްލައި އެންޑް ޓްރާންސްޕޯޓް ސާވިސަސްގެ ބޯޓް އޮޕަރޭޝަން ސެންޓަރު

އެމްއެންޑީއެފުން ބުނީ ހުޅުމާލޭގައި ހުޅުވިގެން ދިޔަ ކަލާސީނު ކޮށީގެ ސަބަބުން ހުޅުމާލޭގައި ސިފައިންގެ ހިދުމަތްތައް ބޮޑުތަނުން ފުޅާވެގެން ދާނެ ކަމަށެވެ.

ސިފައިންގެ މައި މަރުކަޒަކީ މާލޭގައި ހުންނަ ބަންޑާރަ ކޮށްޓެވެ. ބަންޑާރަ ކޮށީގެ އިތުރުން، ދެން ހުންނަނީ ކަޅުތުއްކަލާ ކޮށްޓެވެ.