ރާއްޖޭގައި މަސައްކަތް ކުރާ 3 ކެޓަގަރީއެއްގެ މީހުންނަށް މުސާރައިގެ ގޮތުން ދެވޭނެ އެންމެ ކުޑަ އުޖޫރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ދޭން ޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމު ކުރި އަމުރުގައި ބުނެފައި ވަނީ، އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން، ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާ އަދާ ކުރާ ފަރާތްތަކަށް އެންމެ ކުޑަމިނުން ދޭން ޖެހޭނެ އުޖޫރައިގެ ގޮތުގައި ކަނޑައަޅަފައިވާ މިންވަރު، މުސާރައިގެ ގޮތުގައި ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރާ ގޮތުގެ މަތިން، މިއަދު އާންމު ކުރި އަމުރު ބަދަލު ކުރަން ދެން، ނުވަތަ އެހެން އަމުރެއް އިއުލާން ކުރުމާ ހަމައަށް، މި އަމުރު ދެމިއޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދާއިރާތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖް:

  • ކުދި ވިޔަފާރިތަކަށް، މަހަކު 4500 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000 ރުފިޔާ
  • ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000 ރުފިޔާ
  • ސިވިލް ސާވިސް، މަހަކު 7000 ރުފިޔާ

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންނަށް އެކަންޏެވެ. އެ ގޮތުން އެ މީހުންގެ އުޖޫރަ ހަމަޖެއްސުމުގައި މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސް އޭގައި ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި އެ އުޖޫރައިގެ ތެރޭގައި ނުހިމެނެނޭނެ އިނާޔަތްތަކުގެ ތެރޭގައި، އިތުރު ގަޑީގެ އިނާޔަތާއި، ރަމަޟާން މަހުގެ އިނާޔާތް އަދި ސާވިސް ޗާޖް ހިމެނެއެވެ.

ހަމައެއާއެކު ވަކި ދުވަސްވަރެއްގައި ދެވޭ އެލަވަންސް ނުވަތަ ބޯނަސް އާއި ހާލަތަށް ރިއާޔަތްކޮށް ވަކި މަސްއޫލިއްޔަތެއް އަދާކުރުމަށް އެކި މަސް މަހު އެކި މިންވަރަށް ދޭ އެލަވަންސް އަދި އިންކައިންޑް ބެނެފިޓްސް އާއި އެއިން ކަމަކަށް ހަރަދުވާ މިންވަރަކީ ވެސް އެންމެ ކުޑަ އުޖޫރަ ހަމަޖައްސާ އިރު ނުހިމެނޭނެ އެލަވަންސްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ދާއިރާތަކުގެ ތެރެއިން ރިސޯޓްތައް ހިމެނެނީ ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ 100 މުވައްޒަފުންނަށް ވުރެ އިތުރަށް ގެންގުޅޭ، 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކަށެވެ.

އެހެންކަމުން ރިސޯޓް މުވައްޒަފުންނަށް މިނިމަމް ވޭޖެއްގެ ގޮތުގައި 8000 ރުފިޔާ ހަމަޖެހިގެން ދިއުމުން ސާވިސް ޗާޖާ އެކު ރިސޯޓް މުވައްޒަފުންނަށް މަހަކު 12،000 ރުފިޔާ ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވަނީ ވިދާޅުވެފައެވެ.

އެ ގޮތުން މިނިމަމް ވޭޖްގެ ސީދާ މަންފާ ވަޒީފާ އަދާކުރާ ފަރާތްތަކުގެ 40-50 ޕަސެންޓް މަސައްކަތްތެރިންނަށް ކުރާނެ ކަމަށާއި އެއީ ގާތްގަނޑަކަށް 54،000 މުވައްޒަފުން ކަމަށާއި މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުން ހިމެނޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.