އެމެރިކާގެ ނޯތް ކެރޮލައިނާގައި ރަހީނުކުރި ފުރާވަރުގެ އަންހެން ކުއްޖަކު ޓިކްޓޮކުން ދަސްކުރި އިޝާރާތެއް ބޭނުންކޮށްގެން އޭނާ ކިޑްނޭޕް ކުރި މީހާގެ ކައިރިން ސަލާމަތް ވެއްޖެއެވެ.

އުމުރުން 16 އަހަރުގެ މި އަންހެން ކުއްޖާ ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ކުއްޖާ ހޯދުމުގެ މައްސަކަތް ކުރަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ވަނީ އާދަޔާ ހިލާފު ކޯލެއް ލިބިފައެވެ.

އެއީ ދުއްވާފައި ދިޔަ އުޅަނދެއްގެ ފަހަތު ސީޓުގައި އިން ފުރާވަރުގެ އަންހެން ކުއްޖަކު ދައްކަމުން ދިޔަ އިޝާރާތެއްގެ ވާހަކައެވެ. ފުލުހުން ނެރުނު ބަޔާނުގައި ބުނީ ފަހަތު ސީޓުގައި އިން އަންހެން ކުއްޖާ ދައްކަމުން ދިޔައީ ޓިކްޓޮކްގައި މަޝްހޫރު ވެފައިވާ އިޝާރާތެއް ކަމަށާ އެއީ ގެވެށި އަނިޔާ ލިބެމުންދާ ކަން ދައްކާ އެހީ ބޭނުންވާ ކަން ހާމަކޮށްދޭ އިޝާރާތެއް ކަމަށެވެ.

ގެވެށި އަނިޔާއިން ސަލާމަތްވުމަށް ދައްކާ މި އިޝާރާތް މަޝްހޫރުވީ ޓިކްޓޮކްގެ ސަބަބުން

ފުލުހުން ބުނީ މައުލޫމާތު ދިން މީހާ ވަނީ ކުއްޖާ އިން އުޅަނދުގެ ފަހަތުން ދުއްވާ ފުލުހުންނަށް އަޕްޑޭޓްތައް ދީފައި ކަމަށާ ކުއްޖާ ސަލާމަތް ކުރީ އެމީހާގެ އެހީގައި ފުލުހުން ކަމަށެވެ.

ކުއްޖާއިން އުޅަނދު ދުއްވަން އިން މީހާއަކީ 16 އަހަރުގެ ކުއްޖާ ރަހީނު ކުރި މީހާ ކަމަށާ އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެމެރިކާގެ ފުލުހުން ބުނެއެވެ. އަދި ކުއްޖާ ސަލާމަތް ކޮށްފައި ވަނީ ކުއްޖާ ރަހީނު ކުރި ހިސާބާ ވަރަށް ދުރުން ކަމަށާއި އުޅަނދުގެ ފަހަތުގައި އިނދެ އެ 16 އަހަރުގެ ކުއްޖާ ޓިކްޓޮކްގެ އިޝާރާތް ބޭނުން ކުރަމުން ދިޔައީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ބުނެދޭން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.