ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައަކީ ދިވެހި ސަރުކާރުން އެކަމާ މެދު ފުންކޮށް ވިސްނަންޖެހޭ މައްސަލައެއް ކަމަށް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި ޑރ. މުނައްވަރު ވިދާޅުވީ، އައްޑޫގެ ދެކުނުން ރާއްޖޭގެ އިކޮނޮމިކް ޒޯން، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ ސަރަހައްދާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ގާނޫނާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ސެޕްޓެމްބަރު 2019 ގައި އެގައުމުން ހުށަހެޅި މައްސަލައަކީ ސަރުކާރުން ވިސްނަންޖެހޭ މުހިންމު، ގައުމީ މައްސަލައެއް ކަމަށެވެ.

"މި މައްސަލައަކީ ދިވެހި ރައްޔިތުންނާއި ދިވެހި މަސްވެރިން، ހާއްސަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުަތަކުގެ މަސްވެރިން ފުންކޮށް ވިސްނައި، ކަންބޮޑުވާނެޖެހޭ މައްސަލައެއް."
މުނައްވަރު

މި މައްސަލަ ހިނގަމުންދާތާ ދެއަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ކައިރި ތާރީހެއްގައި ރާއްޖޭން ޖަވާބު ދޭން ޖެހޭއިރު، ސަރުކާރުން މި މައްސަލައަށް ސަމާލުކަން ނުދޭކަން ފާހަގަ ކުރައްވާ، މުނައްވަރު ވަނީ މި މައްސަލައަކީ މަސްވެރިން ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

ހަމަ އެއާއެކު، މި މައްސަލައިގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލުތަކެއް އައިސް، މަސްވެރިކަމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެ، މި މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ހާމަ ކުރުމަށް، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތަށާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް މުނައްވަރު ވަނީ ގޮވާލައްވާފައެވެ.

"އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ނޭދެވޭ ބަދަލެއް ނުވަތަ އަސަރެއް ކޮށްފާނެ ފަދަ ނުވަތަ ދިވެހި މަސްވެރިންގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިދާފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ސަރުކާރަށް އިލްތިމާސް ކުރަން." މުނައްވަރު ވިދާޅުވިއެވެ.

ޗާގޯސް ނުވަތަ ފޯޅަވައްސަކީ އައްޑުއަތޮޅާއި ދުރުނޫން ސަރަހައްދެއްގައި އޮންނަ މޮރިޝަސްގެ ޖަޒީރާ ރަށެކެވެ. ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލާގައި، ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ. އަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ. މި ހުށަހެޅުން އދއަށް ފޮނުވުމާއި ގުޅިގެން މޮރިޝަސްއިން ވަނީ އެހުށަހެޅުމާ ދެކޮޅު ހަދާކަން އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައެވެ.

ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަންވުމާ އެކު ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައިވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެއެވެ. ރާއްޖެ މިނިވަން ވުމާއެކު ރާއްޖޭގެ އުތުރުން މި އިންތައް ކަނޑައެޅުނީ، ރާއްޖެއާއި އިންޑިއާ އާއި ސްރީލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.