އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހަރާޝްތްރާގައި ހުންނަ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 11 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާއަށް މައުލޫމާތު ދިން އެހޮސްޕިޓަލްގެ އޮފިޝަލު ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ އެހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދިނުމަށް ހަދާފައިވާ ވޯޑުގައި ކަމަށެވެ. އަދި އަލިފާން ރޯވި އިރު އެވޯޑުގައި 17 ބަލި މީހުން އެޑްމިޓްކޮށްފައިވާ އޮތް ކަމަށާ ހާދިސާއަށް ފަހު ބާކީ ތިބި މީހުން އެހެން ހޮސްޕިޓަލެއްގެ ކޮވިޑް ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހޮސްޕިޓަލްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރި ނަމަވެސް އެއަލިފާން ރޯވަން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ. އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެކަން ތަހްގީގުކުރަމުންނެވެ.

އިންޑިއާގައި ފަހަކަށް އައިސް ހޮސްޕިޓަލްތަކުގައި ހިނގާ މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް މިވަނީ އިތުރުވެފައެވެ. މިދިޔަ މޭއި މަހު އިންޑިއާގެ ހުޅަނގުގައި ހުންނަ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ބަލިމީހުންގެ ފުރާނަ ގެއްލުނެވެ.

އޭނގެ މަހެއް ކުރިން މުމްބާއީގެ ރަށް ބޭރުގައި ހުންނަ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 13 މީހުން މަރުވިއެވެ.