ފަރުކޮޅުފުށީގެ މޫދާއި އެއްގަމަށް އަޅާފައިވާ ކުނިތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން އިސްނަގައިގެން ނަގައި އެ ސަރަހައްދު ސާފު ކޮށްފިއެވެ.

އެޗްޑީސީން ބުނީ، އެ ކުންފުނީގެ ސާފުކުރާ ޓީމުއް މިއަދު ވަނީ ފަރުކޮޅުފުށީގެ ގޮނޑުދޮށް ސާފު ކުރުމަށް ނުކުމެފައި ކަމަށެވެ. އެ ސަރަހައްދުގެ މޫދާއި އެއްގަމަށް އަޅާފައިވާ ގިނަ ކުނިތަކެއް ނަގާ އެ ސަރަހައްދު ވަނީ އެއްކޮށް ސާފުކޮށްފައި ކަމަށް އެޗްޑީސީން ބުނެއެވެ.

ސާފު ކުރަން ނުކުމެ އުޅުނު ޓީމަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައި އެޗްޑީސީިން ފާހަގަ ކުރިއެވެ. އަދި އެ ޓީމުން މަސައްކަތް ކުރަނީ ކުނި ނާޅާ ސާފު ވެއްޓެއްގެ ގޮތުގައި ހުޅުމާލެ ހެދުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

ފަރުކޮޅުފުށި ބީޗް ސާފުކޮށްފައި

ރައްޔިތުން ޒިންމާދާރު ބައެއްގެ ގޮތުގައި ޑަސްބިނަށް ކުޅި އަޅާނެ ކަމަށް އުންމީދުކުރާ ކަމަށާއި ބިންމައްޗާއި މޫދު ފަދަ ތަންތަނަށް ކުނި ނޭޅުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދު އެޗްޑީސީން ސާފު ކުރި ސަރަހައްދުގައި ހުސްކޮށްފައިވާ ފެނފުޅިތަކާއި ޕްލާސްޓިކް ކޮތަޅު ފަދަ ކުނިތައް ފެންނަން ހުއްޓެވެ. އެ ސަރަހައްދުގެ މުޅި ގޮނޑުދޮށް ވަނީ ޕްލާސްޓިކް ފުޅިތަކުން ފުރާލާފައެވެ. ނަމަވެސް މިހާރު އެ ސަރަހައްދު އެއްކޮށް ކުނި ނަގާ ސާފު ކޮށްފައި އޮތުމުން އެ މަންޒަރު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.