ކޮޕް26 ސަމިޓް ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމުގެ ކުރިން، އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ ޓްރެވަލް އެންޑް ޓޫރިޒަމްގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުއެމް) އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތްކުރައްވައި، އެ ފެއާގައި ބައިވެރިވެވަޑައިގެންފިއެވެ.

ރައީސްގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ މި ފެއާގައި ބައިވެރިވެ ވަޑައިގެންފައެވެ.

މި ފެއާއަށް ކުރެއްވި ޒިޔާރަތުގައި، ރައީސް ވަނީ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ތިބި 58 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ ވިޔަފާރި ތަމްސީލު ކުރާ ފަރާތްތަކާއި ބައްދަލު ކުރަައްވައި، ކޮވިޑް-19 އާ ގުޅިގެން ދިމާވި ދަތިތަކާ އެކުވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ކަމަށްޓަކައި އެ ފަރާތްތަކަށް ހިތްވަރު ދެއްވާފައެވެ.

މިއީ ޑަބްލިއުޓީއެމް ފެއާގައި ރާއްޖެ ބައިވެރިވާ 37 ވަނަ ފަހަރެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރު ޑަބްލިއުޓީއެމް ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. ނަމަވެސް، މިއަހަރު އެ ފެއާ ހައިބްރިޑް ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު، މި ފެއާގެ އަމަލީ ބައި މިމަހުގެ އެކަކުން ތިނަކަށް ކުރިއަށް ގެންދާއިރު، މިމަހުގެ އަށަކުން ނުވަޔަކަށް ވާޗުއަލްކޮށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ބްރޭންޑް ކޮށްފައިވަނީ އަންނަން އޮތް ފަތުރުވެރިކަމުގެ ޖީލުތައް ކުރިއަރާނެގޮތަށް ވިސްނައިގެން އާ ހިޔާލުތަކާއި، އާ ޓެކްނޮލޮޖީ އަދި ކުދި ބޮޑު ހުރިހާ ކަމަކަށް ހައްލު ހޯދުމުގެ މައްޗަށެވެ.