ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ، ދައުލަތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި، އެ މިނިސްޓްރީގެ އެންޑޯސްމެންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް، ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދައުލަތުން ޒިޔާދާއި އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާކުރީ، މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް އަޅައި އޭގެ ތެރެއިން ހަތަރު ބުރި ދައުލަތަށް އަދި ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވާ، ދައުލަތަށް އެއް ބުރި މަދުން ލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލި މައްސަލާގައެވެ. ނަމަވެސް، ޒިޔާދުގެ ފަރާތުން ކޯޓުގައި ވިދާޅުވީ އެއީ ލިޔުމުގެ ކުށެއް ކަމަށެވެ.

އެ ދައުވާގައިވާ ގޮތުން، ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެއެވެ.

މި މައްސަލާގައި ހުކުމް އިއްވަވަމުން، ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަހުން، އެމީހުންނަށް އެއްބަސްވުމާ ބެހޭ ބޮޑު އެއްޗެެއް ނޭނގޭކަން ހާމަވާ ކަމަށެވެ. އަދި ހެކިންގެ ހެކިބަހުން އެނގޭ ގޮތުގައި، މި މަޝްރޫއަކީ ރައީސް އޮފީހުން ހާއްސަ ސަމާލުކަމެއް ދީގެން ފިނޭންސް މިނިސްޓްރީ އާއި އީވައިސީ ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށާއި، އިސްލާމިކް މިނިސްޓްރީގެ ޒިންމާއަކީ އެ ފަރާތްތަކުން އަންގާ ގޮތަށް މަޝްރޫއު ހިންގުން ކަމަށެވެ.

ގާޒީ މިސްބާހު އިތުރަށް ވިދާޅުވީ، ހެކިންގެ ހެކިބަހުން އެނގޭ ގޮތުގައި މިނިސްޓްރީ އާއި އެސްޖޭ އާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ މިނިސްޓްރީގެ އެކި ލެވެލްގައި އަދި ފިނޭންސް މިނިސްޓްރީން ހުއްދަ ދިނުމުން ވެފައިވާ އެއްބަސްވުމެއްކަން އެނގޭ ކަމަށެވެ. އެހެންކަމުން، އެ ހުރިހާ ލެވަލެއްގައި ބެލުމަށްފަހު ވެވުނު އެއްބަސްވުމެއްގައި އެހެން މީހުންނަށް ނުފެނުނު ކުށެއް ޒިޔާދަށް ފެންނަން ޖެހުމަކީ އިންސާނެއްގެ ބުއްދިން ގަބޫލު ކުރޭވެނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، މި އެއްބަސްވުމަށް ގާނޫނީ ލަފާ ހޯދަން ޖެހުމަކީ އިސްލާމިކް މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި، އެ ޒިންމާ މަތި ކުރެވިފައިވަނީ ފިނޭންސް މިނިސްޓްރީއަށް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި، އެއްބަސްވުން ވުޖޫދަށް ނުގެނެވޭނެތީއެވެ.

މީގެ އިތުރުން، ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް، ދައުލަތަށް އެކަން ސާބިތު ކޮށްދެވިފައިނުވާ ކަމަށްވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގްފު އިމާރާތެއްގެ ގޮތުގައި އެ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ، 2018 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ، 2019 އަހަރުގެ ރޯދަ މަސް އަންނަން ވާއިރަށް، ޒިކުރާ މިސްކިތުގެ އާ އިމާރާތް ނިމި ވަގުތީ ގޮތުން ނަމާދު ކުރެވޭ ވަރު ވާނެ ކަމަށެވެ.

ނަމަވެސް، އެ އެއްބަސްވުން މި ސަރުކާރުން ބާތިލް ކޮށްފައިވާއިރު، އެކަމާ ގުޅިގެން އެސްޖޭއިން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.