އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްކޮށް ހުންނަވައިގެން ބާއްވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ވޯލްޑް ލީޑާސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ

ކޮޕް 26 ވޯލްޑް ލީޑާސް ސަމިޓްގައި ރައީސް ރޭ ތަގްރީރު ކުރައްވާފައި ވާއިރު ފާއިތުވި 12 އަހަރުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސްގައި ދިވެހި ދައުލަތުގެ ވެރިޔެއް ތަގުރީރު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ، ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭނުގެ ވާހަކަތައް ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ.

މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.