ދުނިޔޭގެ ފިނިހޫނުމިން 2 ޑިގްރީ ސެލްސިއަސްއަށް މަތިވެއްޖެ ނަމަ އެއީ ރާއްޖެއަށް ދޭ މަރުގެ އިންޒާރެއް ކަމަށާއި ރާއްޖެ ނެތި ހިނގައިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގައި ތަގުރީރު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވެ، 2 ޑިގްރީ ސެލްސިއަސް އަށް ގޮސްފިނަމަ ރާއްޖެ ހުށަހެޅެނީ މަރުގެ ތުންފަތް މައްޗަށް ކަމަށާއި އެއީ ރާއްޖެއަށް "ޑެތް ސެންޓެންސް" އެއް ކަމަށެވެ.

ރައީސް ވަނީ މި މަހުގެ ތެރޭގައި ރާއްޖޭގެ ހަ ރަށަކަށް ދަތުރުފުޅެއް ކުރެއްވި އިރު އެ ހަ ރަށުން ވެސް ރަށްގިރުމުގެ މައްސަލަތައް ފާހަކުރެވުނު ކަމަށް ވިދާޅުވެ، ދުނިޔެ ހޫނުވުުގެ ސަބަބުން ދިމާވަމުން ދާ ނާޒުކު އަދި ނުރައްކާ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެންނަވާފައެވެ.

"މިދިޔަ މަހުގެ ތެރޭގައި އަޅުގަނޑު ރާއްޖޭގެ 6 ރަށަކަށް ދަތުރު ކުރިން. ދަތުރުކުރި ހަ ރަށުގެ ތެރެއިން ހުރިހާ ރަށެއް ވެސް ދަނީ ގިރަމުން. މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން މިއީ މިއަދު އަޅުގަނޑުގެ ރައްޔިތުން ދިރިއުޅެމުން އަންނަ ގޮތުގެ ހަގީގަތަކީ،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ހައްލެއް ނުހޯދައިފި ނަމަ މި ގަރުނު ނިމުމުގެ ކުރިން ރާއްޖެ ދުނިޔޭގައި ނެތިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުތުން ރައްޔިތުންގެ ސިއްހަތާއި ދިރިއުޅުމާއި، ރައްޔިތުންގެ ރައްކާތެރިކަމާއި އަދި މި ދުނިޔެ ސަލާމަތް ކުރަން ޖެހޭކަން ސައިންސްގެ އަލީގައި ވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ހުރިހާ ގައުމެއްގެ އެއްބާރުލުން ލިބިގެން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް ހައްލު ހޯދަން ރާއްޖެ އޮތީ ކެތް މަދުވެފައި ކަމަށެވެ. އަދި އެންމެ ގައުމަކުން އެކަނި މަސައްކަތް ކޮށްގެން މި ހައްލު ނުލިބޭނެ ކަމަށާއި ގުޅިގެން މަސައްކަތް ކުރަން ތައްޔާރު ކަމަށް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތަރައްގީވެފައިވާ ގައުމުތަކުން ކަންކަން ކުރުވުމަށް ޒިންމާދާރު ކުރުވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވުމަށް ވެސް ރައީސް ވަނީ ސަމިޓުގެ ބައިވެރިންނަށް ގޮވާލައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދަން ލިބޭ އެންމެ ފަހު ފުރުސަތަށް ވުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭކާރުވެދިޔަ ނުދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.