ބިދޭސީ މަސައްކަތްތެރިންނަށް ފައިސާގެ ގޮތުން އުރީދޫ އެމްފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކުރެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫ އިން ބުނީ، ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ އެންޖީއޯއެއް ކަމަށްވާ މިޝަން ފޮ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާ އެކު އެ ކުންފުނިން ޕާޓްނާޝިޕް ހަދާފައިވާ ކަމަށެވެ. އެ ޖަމިއްޔާއާ ގުޅިގެން އުރީދޫން މަސައްކަތް ކުރަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްފައިސާ މެދުވެރިކޮށް ފައިސާގެ އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެމްފައިސާ ޑައުންލޯޑްކޮށް ރަޖިސްޓާ ކޮށްގެން ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން އެމްފައިސާ އެޕްލިކޭޝަން ޑައުންލޯޑް ކުރަން ބޭނުން ވާނަމަ، މި ލިންކް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ބުނެފައި ވަނީ، ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިވުމުގެ ގޮތުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީވުން ކަމަށެވެ.