ސައިބާ ހަމަލާ އަމާޒުވެފައި ވާ ކަމަށާ، ނަމަވެސް މާލީ ގެއްލުމެއް އަދި ޒާތީ މައުލޫމާތެއްވެސް ލީކުވެފައި ނުވާ ކަމަށް، ޕާކިސްތާނުގެ ގައުމީ ބޭންކު، ނޭޝަނަލް ބޭންކް އޮފް ޕާކިސްތާން (އެންބީޕީ) އިން ބުނެފިއެވެ.

ސައިބާ ހަމަލާ އަމާޒުވީ ބޭންކުގެ ބައެއް ހިދުމަތްތަކަށް ކަމަށްވެސް އެ ބޭންކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ސްޓޭޓް ބޭންކް އޮފް ޕާކިސްތާން ނުވަތަ ޕާކިސްތާނުގެ ދައުލަތުގެ ބޭންކުންވެސް ވަނީ އެންބީޕީއަށް ސައިބާ ހަމަލާ އަމާޒުވެފައި ވާ ކަމަށާ، ނަމަވެސް މާލީ އަދި ޒާތީ ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެންބީޕީއިން ބުނާ ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި މިކަން އިތުރަށް ތަހުގީ ކުރަމުން އަންނަ ކަމަށްވެސް ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުން ބުނާ އިރު، އިތުރު ބޭންކަކަށް ހަމަލާއެއް އަމާޒު ވި ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

ޕާކިސްތާނުގެ މަރުކަޒީ ބޭންކު، ނުވަތަ ދައުލަތުގެ ބޭންކުން ދަނީ އެންބީޕީއަށް އަމާޒުވި ހަމަލާއާ ގުޅޭ ކަންކަން ވަރަށް ގާތުން ބަލާ، ބޭންކިންގް ނިޒާމްގެ ރައްކާތެރިކަން ކަށަވަރު ކުރަމުން ކަމަށް ހަބަރު ލިބެއެވެ.

ސައިބާ ހަމަލާއާ ގުޅިގެން އެންބީޕީއިން ވަގުތުން ފިޔަވަޅު އަޅާ، ހަމަލާ އަމާޒުވި ސިސްޓަމްތައް އެކަހެރި ކޮށްފައި ވީ ނަމަވެސް، ބޭންކުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. ނަމަވެސް، މާދަމާ ހެނދުނުގެ ވަގުތެއްގައި ހިދުމަތްތައް އަލުން ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެންބީޕީއިން ބުނާ ކަމަށް ހަބަރު ލިބެއެވެ.