ފިލްމް "ރަސްޓް"ގެ ޝޫޓިންގް ތެރޭގައި ޖެހި ބަޑީގެ ހަމަލާއެއް އަމާޒުވެ، ފިލްމުގެ ސިނަމަޓޮގްރާފަރު މަރުވި ހިތާމަވެރި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް، ބަތޮލް އެލެކް ބޯލްޑްވިން އާންމު ކޮށް ވާހަކަދައްކައިފިއެވެ.

ބޯލްޑްވިން ޖެހި ބަޑީގެ ހަމަލާއިން ސިނަމަޓޮގްރާފާ ހެލީނާ ހަޗިންސްގެ ފުރާނަ ގެއްލި، ފިލްމުގެ ޑައިރެކްޓަރު ޒަހަމްވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

ހެލީނާ ހަޗިންސްއަކީ އޭނާގެ ރަހުމަތްތެރިއެއް ކަމުގައި ސިފަކޮށް، ވާހަކަ ދައްކަމުން ބޯލްޑްވިން ވަނީ، ފިލްމުތަކުގައި މިފަދަ ހަތިޔާރު ބޭނުން ކުރާ މިންވަރު، ކުރިއަށް އޮތް ތަނުގައި މަދު ކުރުމަށް އެނާ ތާއީދު ކުރާ ކަން ހާމަ ކޮށްފައެވެ.

ބަޑިޖެހުމުގެ ހާދިސާގެ ތަހުގީގު ކުރިއަށް ދާ އިރު، ޖިނާއީ ދައުވާ އުފުލުމަށް ފުރުސަތު އަދިވެސް އެ ގޮތުގައި އެބަ އޮތެވެ.

ބަޑިޖެހުމުގެ ހާދިސާ ހިނގި މަންޒަރު، ޓީއެމްޒީ ވެބްސައިޓްގައި އާންމު ކޮށްފައި ވާ އިރު، އެ ފަދަ ހާދިސާއަކީ " ޓްރިލިއަން އެޕިސޯޑަކުން 1 ފަހަރު" ހިނގާ ފަދަ ހާދިސާއެއް ކަމަށް ސިފަ ކޮށްފައެވެ. މިފަދަ ހާދިސާތަކަކީ މަދުން ނޫނީ ނުހިނގާ ހާދިސާތަކެއް ކަމަށް ބޯލްޑްވިން ބުނެއެވެ.

ހަމަލާއިން އަމާޒުވި މައިގަނޑު އެތިކޮޅެއް، ޑައިރެކްޓަރުގެ ކޮނޑުން ނަގާފައި ވާ ކަމަށް ތަހުގީގު ޓީމުން ބުނެއެވެ. އަދި ބެލި ބެލުމުން، ލައިވް ވަޒަން ބޭނުން ކޮށްފައި ވާ ކަމަށް ތަހުގީގު ޓީމުން ވަނީ އިޝާރާތް ކޮށްފައެވެ.

ކަން މިހެން އޮތް އިރު، ސެޓްގައި ހަތިޔާރުގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވި ހޭނާ ގުޓެރޭޒް-ރީޑްގެ ވަކީލުން ވަނީ ބަޔާނެއް އާންމު ކޮށްފައެވެ. އެ ބަޔާން ބުނާ ގޮތުގައި، ލައިވް ވަޒަންތަކެއް އެތަނަށް އައީ ކިހިނެއް ކަމެއް، އެމީހުންގެ ކްލަޔަންޓަކަށް ނޭނގެއެވެ. އެ ހަތިޔާރުތައް ބޭނުން ކޮށްގެން އެއްވެސް މީހަކު ލައިވް ވަޒަން ބޭނުން ކުރާތީ ހޭނާއަށް ފެނިފައި ނުވާ ކަމަށާ، އެފަދަ ކަމެއް ކުރަން އޭނާ ހުއްދަވެސް ނުދޭނެ ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

"ރަސްޓް"ގެ ޕްރޮޑިއުސަރެއްގެ ރޯލުވެސް އަދާ ކުރަމުން އަންނަ ބޯލްޑްވިން ވަނީ، ޝޫޓިންގް އިތުރަށް ކުރިއަށް ދާނެ ކަމާ މެދު ސުވާލު އުފެދޭ ކަން ހާމަކޮށްފައެވެ.