މޫސުމާ ބެހޭ އދގެ ބައްދަލުވުން ނުވަތަ ކޮންފަރެންސް އޮފް ޕާޓީޒް (ކޮޕް)ގެ 26 ވަނަ ބައްދަލުވުމުގެ ވަގުތު މިވަނީ އައިސް ޖެހިފައެވެ. މި ކަމާ ގުޅުވައިގެން މިހާރު އެންމެ ބާރަށް ދައްކަމުން އަންނަ އެއް ވާހަކައަކީ، ނާޒުކު ހާލަތުގައި ވާ ގައުމުތަކަށް ކުރިމަތިވެފައި ވާ ގޮންޖެހުންތަކާ، ނުރައްކާތަކުގެ ވާހަކައެވެ. މިފަދަ އެއް ގައުމަކީ ދިވެހިރާއްޖެ ކަމާ މެދު ދެބަސް ވާނެ މީހަކު ނެތެވެ. ދުނިޔެ ހޫނުވެ، ތަނޑިތަކުގައި ވާ ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލި، މޫސުމީ ރެފިއުޖީ އަނދަވަޅުގެ ތުންފަތް މަތީގައި ރާއްޖެ އޮތް ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ރަމްޒަކަށްވެސް ދިވެހިރާއްޖެ އޮތީ ވެފައެވެ. ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހި ލީޑަރުން ކުރައްވަމުން ގެންދަވާ ވަކާލާތަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓިފައި ވާ އިރު، ދިވެހިރާއްޖެއަކީ އެހެން ބަޔަކު ބޭރު ކުރާ ވިހަ މާއްދާތަކެއްގެ އަގު އަދާ ކުރަމުން ދާ ގައުމެއްކަން ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރެއްވުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ އިސްވެރިން ސިފަކުރައްވައެވެ.

އީއެސްއާރްސީ-އެފްސީޑީއޯ ޑިވަލޮޕްމަންޓް ފްރޮންޓިއާޒް ގްރާންޓް އަދި އީސީއާރްސީ-އެފްސީޑީއޯ ޖޮއިންޓް ފަންޑް ފޮލޯ-އޮން ގްރާންޓުން ފަންޑު ކޮށްގެން، ދިވެހިރާއްޖޭގެ ވެއްޓާ ބެހޭ ތަފާތު ހޯދުންތަކެއް ވަނީ ހޯދާފައެވެ. ދިރާސާއާ ގުޅިގެން، މުސައްނިފު، ޔުނިވާސިޓީ އޮފް ރެޑިންގްގެ އެސޯސިއޭޓް ޕްރޮފެސާ އިން އެންވައިރަމަންޓް އެންޑް ޑިވަލޮޕްމަންޓް، އެލެކްސް އާނެލް ވަނީ ތަފާތު ނަޒަރަކުން ވަކާލާތު ކުރައްވާފައެވެ.

އުދަ އަރައިގެން ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ދިވެހިރާއްޖެއަށް އޮތް ސީރިއަސް ނުރައްކަލަކަށް ވީ ނަމަވެސް، ތިމާވެށީގެ ރޮނގުން، ދިވެހިރާއްޖެއަށް ކުރިމަތިލާން ޖެހޭ މާ ހައްސާސީ މައްސަލަ އެބަހުރި ކަމަށް އެސޯސިއޭޓް ޕްރޮފެސާ އާނެލް ވިދާޅުވެއެވެ. މިއީ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިފައި ވާ މައްސަލަތަކަށް ވީ ނަމަވެސް، މައިގަނޑު ގޮތެއްގައި މިކަން ގުޅެނީ އައްސޭރިފަށުގެ ތަރައްގީގެ މަޝްރޫއުތަކާ، ބައިނަލްއަގުވާމީ ފަތުރުވެރިކަން ފުޅާވެގެން ދިއުމާ ކަމަށް އެސޯސިއޭޓް ޕްރޮފެސާ އާނެލް ވަކާލާތު ކުރައްވައެވެ.

ގޮނޑުދޮށް ގިރުން

ޖިއޮގްރަފީ ގޮތުން ބަލާއިރު ދިވެހިރާއްޖެ އެކުލެވިގެން ވަނީ 1200 އެއްހާ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށެވެ. 450000 އެއްހާ މީހުންގެ އާބާދީއެއް އޮތް އިރު، 2 ބައިކުޅަ 1 ބައި ހާ މީހުން ދިރިއުޅޭނީ، ވެރިކަން ކުރާ މާލޭ ސިޓީއާއި، ސިޓީއާ ގުޅިފައިވާ ރަށްތަކުގައެވެ. ޖަޒީރާގެ އެންމެ ހިތްގައިމު މަންޒިލްތަކަށް ވެފައި ވަނީ 150 އެއްހާ ލަގްޒަރީ ފެންވަރުގެ ރިޒޯޓްތަކެވެ.

ގޮނޑުދޮށް ގިރުން ނުވަތަ ދިވެހި ދޫތަކަށް ފަރިތަ ބަހުން ދަންނަވަނީނަމަ، ރަށް ގިރުމަކީ މިއަދު ދިވެހިރާއްޖެއަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. މީހުން ވަޒަންވެރިވެގެން ދިރިއުޅޭ ގިނަ ރަށްތަކަކަށް މިމައްސަލަ ކުރިމަތި ވެފައި ވާކަމަށް އެސޯސިއޭޓް ޕްރޮފެސާ އާނެލް ފާހަގަ ކުރައްވައެވެ. މައިގަނޑު ސަބަބެއް ކަމުގައި ވިދާޅުވަނީ ތަރައްގީގެ މަޝްރޫއުތަކެވެ. ވަކިން ހާއްސަކޮށް އާ ބަނދަރުތައް އެޅުމުގެ ނަމުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކެވެ.

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ބަނދަރުތަކަކީ، އެކަހެރި ކޮށް އޮތް ޖަޒީރާ މަންޒިލްތައް ގުޅާލަ ދޭ ފާލަމަކަށް ވީ ނަމަވެސް، ޖިއޮގްރަފީގެ ނަޒަރުން ބަލާއިރު، މިއީ އައްސޭރި ފަށުގައި ވެލި ދަތުރު ކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ. ބައެއް ފަހަރު، އެކި ދިމަދިމާއިން މުޅި ގޮނޑުދޮށް ގިރައިގެން ގޮސް، އާންމު ގެތަކާ ހިސާބަށް ރާޅުގެ އަސަރު ކުރެއެވެ. ހަތިޔާރަކަށް ވަނީ، ތޮށިގަނޑުލުމެވެ. ނަމަވެސް، މިއީ އޭގެ މާ ބޮޑު ފައިދާއެއް ނެތް، އެހެން ނަމަވެސް، އިންތިހާއަށް ބޮޑު ހަރަދެއް ހިނގާ ކަމެކެވެ.

ޕްލާސްޓިކް ކުނިބުނި

އެސޯސިއޭޓް ޕްރޮފެސާ އާނެލް ލިޔުއްވާ ގޮތުގައި ދިވެހިރާއްޖެއިން ދުވާލެއްގެ މައްޗަށް 860 ޓަނުގެ ކުނި އުކާލައެވެ. މީގެ 21 ޕަސެންޓް ހިއްސާ ކުރަނީ ރާއްޖޭގެ ހަޒާނާގެ ގޮތުގައި ސިފަކުރާ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. މި ކުނިބުނީގެ ބޮޑު އިންސައްތައަކީ ޕްލާސްޓިކްއެވެ. އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ކޮތަޅާ، ފުޅި އަދި ކާބޯތަކެތި ބަންދު ކޮށްފައި ހުންނަ ޕެކިންގްތަކެވެ. މި ތަކެތި، ގޮނޑުތަކަށް ލައްގަނީ މަދެއް ކޮށެއް ނޫނެވެ.

ކަނޑުގެ ދިރުންތަކާ އިންސާނީ ހަޟާރާތާ އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އދ

މީގެ އިތުރުން، އަވަށްޓެރި އިންޑިއާއާއި ސްރީލަންކާ ފަދަ ގައުމުތަކުން މަސްވެރިކަން ކުރުމަށް ދޫކޮށްފައި ހުންނަ ދާގަނޑުތައްވެސް ރާއްޖޭގެ ގޮނޑުދޮށްތަކަށް ލައްގާ ކަމަށް އެސޯސިއޭޓް ޕްރޮފެސާ އާނެލް ވިދާޅުވެއެވެ. ދޮށީގެ މަސްވެރިކަމަށް ހާއްސަ ދިވެހިރާއްޖޭގެ ކަނޑުގެ ދިރުންތަކަށް އެންމެ ބޮޑު ގެއްލުމެއް ދޭ އެކައްޗަކީވެސް މި ފަދަ ދާގަނޑުތައް ކަން، އެސޯސިއޭޓް ޕްރޮފެސާ އާނެލް ވަނީ ފާހަގަ ކުރައްވާފައެވެ.

ކަނޑުތަކާ ފަރުތައް ސާފު ކުރުމަށް އެކި ފެންވަރުގައި ކެމްޕޭންތައް ހިންގި ނަމަވެސް، އުފައްދާ އަދި ލައްވާ ކުންޏާ ދެކޮޅަށް ތެދުވެވޭ ވަރާ ގާތަށްވެސް އަދި މަސައްކަތެއް ނުކުރެވެއެވެ.

އިމާރާތް ކުރުމުގެ ސިނާއަތް

އިންސާނާއަކީ ތަރައްގީއަށް ފެން ބޮވައިގެންފައި ވާ މަހްލޫގެކެވެ. ކޮންމެ ފަދަ ހާލެއްގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް، ކުރިއަރާފައިވާ މަންޒިލްތަކެއްގައި ދިރިއުޅުމުގެ ކަންކަން، ވީ އެންމެ ފަސޭހައަކުން ހަމަޖައްސާލުމަށް އާދަ ކުރާ ބައެކެވެ. ރާއްޖޭގައިވެސް ކަން ވެފައި އޮންނަނީ މި ބީދައިންނެވެ. ތަރައްގީ ވެފައި ވާ މަދު މަންޒިލްތަކެއްގައި ތޮއްޖެހިފައި ވާ މީހުންގެ އަދަދު އިންތިހާއެވެ. ނަތީޖާއަކަށް ވަނީ އުމްރާނީ ބިނާވެށީގެ މަޝްރޫއުތައް މެކުހަށް ޖަހަން ޖެހުން ކަމަށް އެސޯސިއޭޓް ޕްރޮފެސާ އާނެލް ވިދާޅުވިއެވެ. ހައުސިންގް ޔުނިޓްތަކާ، ސްކޫލްތަކާއި ހޮސްޕިޓަލުތަކާ، ވައިގެ ބަނދަރުތަކެވެ.

އާންމުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް އުސޫލުން ފަތުރުވެރިންނަށް ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު، އުމްރާނީ ބިނާވެށީގެ ސިނާއަތް އިތުރަށް ފުޅާ ކުރިއެވެ. ރަށް ރަށުގައިވެސް ބޮޑެތި އިމާރާތްތައް އިތުރުވާން ފެށިއެވެ. ކެފޭތަކާ ރެސްޓޯރަންޓްތައް އޭގެ އެންމެ އިންތިހާއަށް އަޅަން ފެށިއެވެ.

މާލޭގައި ހަދަމުން ދިޔަ އިމާރާތެއް

ފަތުރުވެރިކަމުން ރަށަށް އާމްދަނީ ވަތް ކަމުގައި ވީ ނަމަވެސް، އެކަމުގެ އަގު ދައްކަނީ އެ ރަށުގެ ވެށިންކަން އޮންނަނީ ހަނދާން ނެތިފައެވެ. އުމްރާނީ ބިނާވެށީގެ ތަރައްގީގެ މަޝްރޫއުތަކަކީ ރަށްރަށުން ވެއްޔާއި ބިމުއަޑިން ނަގާ ފެނަށް އިންތިހާއަށް ބަރޯސާވެފައި ވާ މަޝްރޫއުތަކެއް ކަމަށް އެސޯސިއޭޓް ޕްރޮފެސާ އާނެލް ވިދާޅުވިއެވެ. ލޮނުގަނޑާ ހިސާބުން ފެށިގެން ރަށުގެ އެތެރެއަށް ރަށް ގިރަމުން އަންނައިރު، ރަށު ތެރެއިން ގޮނޑު ދޮށަށް އިމާރާތްތައް ފުޅާ ކުރަމުން ގޮސް، ގޮނޑުދޮށްތައް މުޅިންހެން ގެއްލިއްޖެއެވެ.

ރަށުން ބިން ހުސްވުމުގެ ނަތީޖާއަކަށް ވަނީ ހިއްކުމުގެ މަޝްރޫއުތައް އިފްތިތާހްކޮށް އަމަލީ މަސައްކަތް ފެށުމެވެ. ނަމަވެސް، މިކަމަކީ އެއްގަމާއި ކަނޑުގެ ދިރުންތަކުގެ ބަދަހި ގުޅުން ފުނޑުފުނޑުކޮށްލާ ވަރުގެ މަޝްރޫއެއް ކަމަށް އެސޯސިއޭޓް ޕްރޮފެސާ އާނެލް ވިދާޅުވެއެވެ.

މި ބަދަލުތަކަކީ އެކަންކަމަށް ދިވެހިން ލޯހުޅުވިފައިވާ ކަންކަމަށް ވީ ނަމަވެސް، މިފަދަ ކަންކަމާ ކުރިމަތިލާނެ މާލީ ވަސީލަތްތައް މަދެވެ. އަދި މިމައްސަލައަކަށް ރިއާޔަތް ނުކޮށް ދޫކޮށްލައިފިނަމަ، ދިގު މުއްދަތަކުގައި ކުރިމަތިލާން ޖެހިދާނެ އެތައް ނުރައްކަލަކަށް ގައުމު މިވަނީ ހުޅުވާލެވިފައި ކަން، ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ވެރިރަށް މާލެ މަތިން ފެންނަނީ ހުސް އިމާރާތްތައް

ތިމާވެށީގެ ބައްދަލުވުންތަކާއި ޕޯޑިއަމްތަކުގައި ތާއަބަދުމެ، ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައަށް ހުރިހާ ސަމާލުކަމެއް ދޭންވެއްޖެ ނަމަ، މޫސުމީ ބަދަލުތަކާ ގުޅިފައި ވާ އެހެން މައްސަލަތަކަށް ސަމާލުކަން ނުދެވުމުގެ ނުރައްކާ ދާނީ، އޭގެ އެންމެ އިންތިހާއަށް ބޮޑުވަމުންނެވެ. ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހަށް، ގްލާސްގޯގައި ކުރިއަށް ގެންދާ ކޮޕް26ގެ ބައްދަލުވުންތަކަކީ، ހަމައެކަނި ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު ދަށްކުރުވުމަށް ހިންގާ ކެމްޕޭނަކަށް ހެދުމުގެ ބަދަލުގައި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި މިހާރުން މިހާރަށް ރިއާޔަތް ކުރަންޖެހިފައިވާ ތިމާވެށީގެ ހައްސާސީ އެހެން މައްސަލަތަކަށް ރިއާޔަތް ކުރަންވެސް ޖެހޭ ކަމަށް، އެސޯސިއޭޓް ޕްރޮފެސާ އާނެލް ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވެފައި ވާ އެންމެ ބޮޑު ނުރައްކަލަކީ މުއްސަނދި ގައުމުތަކުން ބޭރު ކުރާ ވިހަ ގޭހުގެ މިންވަރު ދަށް ކުރުން ތޯ، ނުވަތަ އަމިއްލަ ފަސްގަނޑުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ތޯ، މިއީ އަދުގެ އިސް ސަފުގެ ލީޑަރުން، މިހާރަށް ވުރެ ފުން ނަޒަރަކުން ވިސްނާލެއްވުން މުހިންމު ކަމެކެވެ. އަދި ފަރުދީ ފެންވަރުގައިވެސްމެއެވެ.