އައިޖީއެމްއެޗްގެ ހުޅަނގު ފަރާތު ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލަ އައިޖީއެމްއެޗާއި، މާލެ ސިޓީ ކައުންސިލާ ގުޅިގެން ހައްލު ކުރުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އައިޖީއެމްއެޗް ކައިރިން ބޮޑުތަކުރުފާނު މަގުގައި ހެދިފައި އޮންނަ ފެންގަނޑުގެ ސަބަބުން އެސަރަހައްދުން ހިނގާއުޅޭ މީހުންނަށާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް އުނދަގޫތަކާއި މައްސަލަތައް ދިމާވަމުންދާ ކަމަށެވެ. އެކަމުގެ ޝަކުވާތައް ކައުންސިލަށް ލިބުމާ ގުޅިގެން އެ ފެންގަނޑު ހެދެނީ ކޮންގޮތަކުންތޯ ބެލިއިރު، އެތަނުގައި ފެންގަނޑު ހެދެނީ އައިޖީއެމްއެޗްގެ ކޫލިން ޓަވަރު ތަކަކުން ބޭރުކުރާ ފެންތަކެއްގެ ސަބަބުން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެންތައް ދޫކުރަމުންދަނީ ސިޓީ ކައުންސިލަށް ނޭންގި ކަމަށާއި، އެ ފެންތައް މަގު މައްޗަށް ދޫކުރަމުންދަނީ ކައުންސިލުގެ އެއްވެސް ހުއްދައެއް ދީގެން ނޫން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ ފެންގަނޑުގެ ސަބަބުން އެމަގުން ހިނގާއުޅޭ ފަރާތްތަކަށާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އައިޖީއެމްއެޗްގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ވާހަކަ ދައްކާ އެފެންގަނޑު އެތަނުގައި ނޯންނާނެ ގޮތަށް ހެދުމަށް މަސައްކަތް ކުރިނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވާކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން އެ ފެންގަނޑު އެތަނުގައި ނުހެދޭނެ ގޮތަށް ހެދުމަށްޓަކައި، ސިޓީ ކައުންސިލުން އިސްވެ އައިޖީއެމްއެޗާ ވާހަކަ ދައްކާ އެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި އައިޖީއެމްއެޗުން ފޯރުކޮށްދީގެން މަސައްކަތްކުރާގޮތަށް އައިޖީއެމްއެޗުން އެ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭ ސިޓީގެ މަގުމައްޗަށް އެއްވެސް ފަރާތަކުން ފެންދޫކުރުމަކީ އެ ކައުންސިލުން ހުއްދަދޭ ކަމެއް ނޫން ކަމަށާއި، އާންމު ރައްޔިތުންނަށް އުނދަގޫވާފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.