21 ވަނަ ގަރުނުގެ ރޭހުގައި ތަރައްގީ ވެފައި ވާ ގައުމުތަކުން އުފައްދާފައި ވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ކާރިސާއަށް ފުރިހަމަ ހައްލެއް ހޯދުމަށް ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް ކޮޕް26، އަންނަ އާދިއްތަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިއްމު ސަމިޓެކެވެ. ސަބަބު ކިތަންމެހާ ވެސް ސާފެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ ވާހަކަތައް ދުނިޔޭގެ އެތައް ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ސަމިޓެއްގައި ހިއްސާކޮށް، ހާއްސަކޮށް ރާއްޖޭގެ ހާލަތު ދުނިޔެއަށް ހާމަކޮށް ދިނުމަށް އެ ސަމިޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައުގަތުމަކީ ސަމިޓް މުހިންމުވާ ސަބަބެކެވެ.

ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ މި އަހަރުގެ ކޮޕް ސަމިޓުގައި 100 އަށް ވުރެ ގިނަ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ސަމިޓްގައި ރާއްޖޭގެ ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ގޮތުން ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ އިރު، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިހާރުވަނީ ފުރާވަޑައިގެންފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މި ސަމިޓް ރާއްޖެއަށް ހާއްސަ ވަނީ ދެ ރައީސުން ބައިވެރިވަޑައިގަތުމުގެ އިތުރުން މި ފަހަރު ސަމިޓްގައި ތިމާވެށި ހައްލު ކުރުމަށް ތިން ކަމަކަށް ރާއްޖެއިން ވަކާލަތު ކުރުމަށް ނިންމާފައި ވުމުންނެވެ. އެއީ ތިމާވެށީގެ މައްސައްލަ ހައްލު ކުރުމަށް ބޮޑެތި ގައުމުތަކުން ކުރާ ހޭދަ އިތުރު ކުރުމަށާއި، ކުދި ގައުމުތަކަށް ލިބޭ ގެއްލުމުގައި ބަދަލު ހޯދުމާއި، ޓެކްނޮލޮޖީއާއި މާލީގޮތުން ކުރިއަރާފައި ގައުމުތަކުން ދުނިޔޭގެ ފިނި ހޫނު މިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރަންޖެހޭ ކަންކަން އިތުރު ކުރުމަށް އެއްބަސް ކުރުވުމެވެ.

މީގެ އިތުރުން ވެސް މި ފަހަރުގެ ކޮޕް26 ރާއްޖެއިން 7 އަހަރުގެ ކުއްޖަކު، އޭނާގެ ޝުއޫރުތައް ހާމަ ކުރަން ހަމަޖެހިފައި ވުމީވެސް ސަމިޓް ހާއްސަވާ ސަބަބެކެވެ. މި ސަމިޓްގައި ރާއްޖޭގެ ފަރާތުން މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 1 ގައި ތައުލީމް ހާސިލް ކުރަމުން ގެންދާ ހަތް އަހަރުގެ ހަސަން އަލްމާން ސުޖާއު ބައިވެރިވާ އިރު މިއީ މިފަދަ ސަމިޓެއްގައި ރާއްޖެ ތަމްސީލް ކުރުމަށް ބައިވެރިވާ އެންމެ ތުއްތު ކުއްޖާ ކަން ވެސް ފާހަގަ ކޮށްލެވެއެވެ. އަދި މި ސަމިޓްގައި އަލްމާން ދޭ މެސެޖަކީ މުޅި ދުނިޔެ ސަލާމަތް ކުރުމަށް އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާ ދޭ މެސެޖެކެވެ.

އަލްމާން އެންވާރަމަންޓް މިނިސްޓަރު ޝައުނާއާ އެކު

ކޮޕް26 ގެ ބައްދަލުވުމަކީ، ގައުމުތަކުން ބޭރު ކުރާ، ޖައްވު ހޫނުކުރާ ވިހަ ގޭހުގެ މިންވަރު ދަށް ކުރުމަށް، މީގެ 6 އަހަރު ކުރިން ފާރާންސްގައި، ޕެރިސް އެގްރީމަންޓްގެ ދަށުން ވި ވައުދުތައް މުރާޖާ ކުރާނެ ބައްދަލުވުމެކެވެ. ޕެރިސް އެގްރިމެންޓް ހެދިއިރު އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާގެ ހައިސިއްޔަތުން އޭރު ވެސް ރާއްޖެ އިން އަޑުއުފުލީ 1.5 ޑިގްރީ ސެލްސިއަސް އަށް ދުނިޔޭގެ ފިނި ހޫނު މިން ބެހެއްޓުމަށެވެ.

ޖަޒީރާ ގައުމެއްގެ ގޮތަށް އުފެދިފައިވާ ރާއްޖޭގައި 1200 ރަށް އޮތް އިރު މިއީ 4 ލައްކަ މީހުންގެ އާބާދީއެއްް އޮތް ގައުމެކެވެ. ދުނިޔޭގެ އެންމެ ބޮޑު ފަރުގެ ނިޒާމް އޮތް ގައުމުތަކުގެ ތެރެއިން ރާއްޖެ 7 ވަނައިގައި އޮތް އިރު، ގިނަ މީހުންނަށް މިއީ ޑްރީމް ހޮލިޑޭ އަދި ހަނީމޫން ޑެސްޓިނޭޝަނެއް ގޮތުގައި ގަބޫލު ކުރެއެވެ. ނަމަވެސް ދިވެހިންނަށް ރާއްޖޭއަކީ އަމިއްލަ ވަޒަނެވެ.

ދުނިޔެއަށް ދިމާވެފައި ކްލައިމެޓް ކްރައިސިސް އަށް އަސަރުކުރާނެ ފަދަ ކަންކަން ރާއްޖެއިން ނުކުރި ނަމަވެސް ރާއްޖެއަކީ މޫސުމީ ކާރިސާއިން އެންމެ ނޭދެވޭ އަސަރު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. މިހާރު ވެސް ރާއްޖެއިން އަންނަނީ މޫސުމީ ގިނަ ކާރިސާތަކާ ކުރިމަތި ލަމުންނެވެ.

ވިއްސާރައިގެ ސަބަބުން ހޯރަފުށީގައި ފެންބޮޑުވެފައި/ ފޮޓޯ: ޕޮލިސް

އެގޮތުން ރާއްޖޭގެ ފަރުތައް މަރުވަމުން އަންނަ އިރު، އެއީ ދިވެހިންގެ ކާބޯ ތަކެއްޗާއި، ދިވެހިންގެ އާމްދަނީއާއި، ގުޅިފައިވާ މަސްވެރިކަމަށް ބޮޑު ގެއްލުމެއް ލިބެމުން އަންނަ ކަމެކެވެ. މީގެ އިތުރުން ރަށްތައް ގިރަމުން ދިއުމާއި، ރަށްރަށުގައި ފެންބޮޑުވާ މައްސަލައިގައި ކޮންމެ ރަށެއްގައި ވެސް ފެން ތަޣައްޔަރުވާ މައްސަލައަކީ ވެސް ރާއްޖެއަށް ދިމާވާ ބޮޑު މައްސަލައެކެވެ. އަދި މި ކަމުގެ ސަބަބުން ދަނޑުވެރިކަމަށާއި މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާ އިރު އެއީ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ގިނަ މީހުން ސިފަ ކުރެއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ބައެއް ތަންތަން ވަނީ ހިމާޔަތްވެސް ކޮށްފައެވެ. އެގޮތުން ބައެއް ފަރުތަކާއި ކުޅި ފަދަ ތަންތަން ހިމެނެއެވެ. މީގެ އިތުރުން ޕްލާސްޓިކް ބޭނުން ކުރާ ވަރު މަދު ކުރުމާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމަށް ވެސް ރާއްޖެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.